އޭޑީކޭ އަށް 34 އަހަރު ފުރުން ފާހަގަކޮށް، އޭޑީކޭގެ މުވައްޒަފުންނަށް ލަކީޑްރޯއެއް ބާއްވާފައި ވެއެވެ.
މިކަމާ ގުޅޭގޮތުން ‘ ދުވަސް’ އަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އައްފާލް ވިދާޅުވީ، އަހަރީ ދުވަހާ ގުޅިގެން އޭޑީކޭޭ ގެ މުވައްޒަފުންގެ ތެރެއިން 50 މީހުންނަށް އެކި އިނާމުތައް ދީފައި ވާނެކަމަށެވެ. އެގޮތުން 7000 ރުފިޔާގެ 10 އިނާމު (75000 ރުފިޔާ) ދީފައި ވާ ކަމަށް އައްފާލް ވިދާޅުވިއެވެ.
ހެޔޮއެދޭ ފަރާތްތަކުންވެސް އެގޮތަށް ފައިސާގެ އިނާމާއި ތަކެތި ދީފައި ވާ ކަމަށް އައްފާލް ވިދާޅުވިއެވެ. އެގޮތުން ލިބިފައިވާ ތަކެތީގެ ތެރޭގައި55 އިންޗީގެ ޓީވީ، ސްމާޓް ގަޑި ފަދަ ތަފާތު އަގުހުރި އިނާމުތައް ލިބިފައި ވާ ކަމަށް އައްފާލް ފާހަގަ ކުރެއްވިއެވެ.
އޭޑީކޭގެ ހުރިހާ މުވައްޒަފުން ޒޫމް މެދުވެރިކޮށް ބައިވެރިވި މި މީޓިންގައި ލަކީޑްރޯގެ ވަނަތައް ހޮވާފައި ވާނެ ކަމަށް އައްފާލް ވިދާޅުވިއެވެ.
އޭޑީކޭގެ އަހަރީ ދުވަހާ، އޭޑީކޭގެ މުވައްޒަފެއްގެ އުފަންދުވަސް ދިމާވާތީ، އެކަން ވެސް ހޮސްޕިޓަލްގެ ފަރާތުން ފާހަގަކޮށް، އެ މުވައްޒަފަށް ހަދިޔާ ދީފައި ވެއެވެ.
އޭޑީކޭ އަށް 34 އަހަރު ވުން ތަފާތު ގޮތަކަށް ފާހަގަ ކުރެވިފައި ނުވަނީ ކޮވިޑްގެ މިހާލަަތު ކުރިމަތިވެފައި ވާތީ ކަމަށާއި، އަންނަ އަހަރު އޭޑީކޭ އަށް 35 އަހަރު ފުރޭ ދުވަހަށް، ކުރިއަށް މިއޮތް އަހަރު ތެރޭގައި އެކިއެކި ކަންތައްތައް ކުރަމުން ގެންދާނެ ކަމަށް އައްފާލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް