ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެ ޤައުމަކަށް ވަޑައިގަތުމަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގައި، ޤަޠަރަށް ވަޑައިގެން ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ އާއި ބައްދަލުކުރައްވާ ދެ ޤައުމުގެ ދެމެދުގައިއޮތް ގުޅުން ދެމެހެއްޓެވުމަށް މަޝްވަރާ ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅު ދައްކާވަފައިވަނީ މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތައް ދެއްކެވުމުގެ ރަސްމިއްޔާތުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހިރާއްޖެއިން ޤަޠަރަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު މެންދުރު ޤަޠަރުގެ އަމީރުގެ ގަނޑުވަރުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންކަން ކުރިއެރުވުމަށް މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޤަޠަރުގެ ސަރުކާރުން ވެދެއްވަމުން ގެންދަވާފައިވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.
ރަސްމީ ވާހަކަފުޅުތަކުގައި ދެ ޤައުމުގެ ވެރިންވެސް ވަނީ ދެ ޤައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ކުރެއްވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި ދެބޭފުޅުން ވެސް ވަނީ ކޮވިޑް-19 ގެ ޕެންޑެމިކް ހާލަތުގައި ދެޤައުމަށް ކުރިމަތިވަމުން އަންނަ ކަންތައްތައް ޙިއްޞާ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި އޮތް ތަރައްޤީގެ ވައްޓަފާޅި ބަދަލު ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން މިހާރުގެ ރާއްޖެ ތަރައްޤީކުރުމަށް ނިންމަވާފައިވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީ ދިވެހިރާއްޖެއަށް ލިބޭނެ ފަދަ ގޮތަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބައްދަލު ކޮށްލެއްވުމުގައި ރައިސުލްޖުމްހޫރިއްޔާ ވަނީ ޤަޠަރުގެ ސަރުކާރުން ކޮވިޑް-19 އެ ޤައުމުގައި ފެތުރިގެން ދިޔަ ނުދިނުމަށް އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވާ އެކަމަށް ތަޢުރީފު ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ޤަޠަރުގެ އަމީރު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ދެ ބޭފުޅުންވެސް ވަނީ ދެޤައުމުގެ މީހުން އެކަކު އަނެކަކާއި ބައްދަލުވެ ވިޔަފާރީގެ ރޮނގުންނާއި އެއްވިސްނުމެއް ގެންގުޅޭ އެހެން ދާއިރާތަކުން ގުޅުން ބަދަހިކޮށް ކުރިއެރުމަށް މަގުފަހި ކޮށްދެއްވުމަށް މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ދެޤައުމުގެ ދޭދޭގުޅުން ބަދަހި ކުރެއްވުމަށް، ދިވެހިރާއްޖެއިން ޤަތަރަށް ނޮން ރެސިޑެންޓް ސަފީރެއް ކަނޑައެޅުއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވެވިއެވެ.
މި ބައްދަލު ކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަ ކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅާ، ދެމެހެއްޓެނިވި ތަރައްޤީއަށް ކުރައްވާ މަސައްކަތްޕުޅާ، އިންސާނީ ޙައްޤުތައް ހިމާޔަތް ކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅާ، ބައިނަލްއަޤުވާމީ ގޮތުން ކުރެވޭ މުހިންމު ކަންތައްތައް ޤަޠަރާއި އެކު މަސައްކަތްޕުޅު ކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި އެކަމަށް ބޭނުންފުޅު ވާކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޤަޠަރަށް ޒިޔާރަތްކުރެއްވި ވަފުދުގެ ބޭފުޅުން ވަނީ ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ބޭއްވެވި މެންދުރުގެ ރަސްމީ ޖާފަތުގައި ބައިވެރިވެލައްވާފައެވެ.
އެއަށްފަހު ޤަޠަރުގެ އަމީރީ ދީވާންއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ، ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއެވެ. އަދި ޤަޠަރު ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފު ކޮށްދެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، އަލްއުސްތާޛު ޢަލީ ޒާހިރު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަޙްމަދު ޚަލީލް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް، ޞަބްރާ އިބްރާހީމް ނޫރައްދީން، އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓު، އިބްރާހީމް ހޫދު ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް