ޕްރައިމަރީ ހެލްތުކެއަރ އަށް އައު ދިރުވުމެއް ގެނުވުމަށް މިނިސްޓްރީ އޮފް ހެލްތް އިން ޕައިލެޓް ޕްރޮގްރާމެއްފަށައިފި އެވެ.
ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު އަލަށް ބައްޓަން ކުރެވުނު ޒަމާނުގައި، އެންމެ ބޮޑު އިސްކަމެއް ދެވުނީ ޕްރައިމަރީ ހެލްތުކެއަރ މެދުވެރިކޮށް ރައްޔިތުންނާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށެވެ.
ނަމަވެސް، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާއި، ދުނިޔޭގެ ޞިއްޙީ އޮނިގަނޑަށް އައި ބަދަލުތަކާއި ލިބުނު ކުރިއެރުންތަކާއި، ކެއުންބުއިމުގެ އާދަކާދަތައް ބަދަލުވުމާއި، ދިވެހި ރައްޔިތުންގެ އެކްޕެކްޓޭޝަންސް ބަދަލުވުމާއި، އަދި އެހެނިހެން ކަންކަމާ ގުޅިގެން، ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމުގެ ފޯކަސް ބަދަލުވީ ކިއުރެޓިވް ކެއަރ ނުވަތަ ބަލިވުމަށްފަހު ބޭސްފަރުވާ ހޯދުމުގެ ގޮތުން، ސްޕެޝަލިސްޓް ކެއަރ ކުރިއެރުވުމުގެ ސިސްޓަމަކަށެވެ.
އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޮސްޕިޓަލްތަކާއި ޒަމާނީ ހެލްތު ސެންޓަރުތައް ޤާއިމު ކުރުމުގެ މަސައްކަތްތައް ކުރެވިފައި ވާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
ނަމަވެސް، މި ސަރުކާރުގެ މައިގަނޑު އަމާޒަކީ ބަލިވުމަށްފަހު ބޭސްފަރުވާ ހޯދުމުގެ ސިސްޓަމެކޭ އެއްފަދައިން ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ އާދަކާދަ އަލުން ދިރުވުމުގެ ގޮތުން ލާމަރުކަޒީ އުޞޫލަކުން ޞިއްޙީ ޚިދުމަތްތައް ކުރިއެރުވުމެވެ.
އެގޮތުން، 1000 މީހުންނަށް ވުރެ މަދުން އާބާދުވެފައިވާ 25 ރަށެއްގައި ޕްރައިމަރީ ހެލްތުކެއަރ އަށް އައު ދިރުވުމެއް ގެނައުމުގެ ޕައިލެޓް ޕްރޮގްރާމެއް 2021 މާރޗް 15 ގެ ހެނދުނު ހެލްތު މިނިސްޓްރީން ވަނީ ފަށާފައެވެ. އެއީ، އއ، އދ، ވ، މ، ފ، އަދި ދ އަތޮޅުގެ 1000 އަށް ވުރެ މަދުން އާބަދުވެފައިވާ ރަށްތަކުގައެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން މި ޕްރޮގްރާމް ޕައިލެޓް ކުރެއްވުމަށް އެ އަތޮޅުތަކަށް ދަތުރު ކުރައްވާފައިވަނީ، ޞިއްޙީ ދާއިރާގައި ކޮމިއުނިޓީ ހެލްތު އޮފިސަރުންނާއި ފެމިލީ ހެލްތު އޮފިސަރުންގެ ގޮތުގައި ޕްރައިމަރީ ހެލްތުކެއަރ ގެ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ އިތުބާރުހުރި ބޭފުޅުންކޮޅެކެވެ.
މި ޕައިލެޓް ޕްރޮގްރާމްގެ ތެރެއިން ކޮންމެ ރަށެއްގެ ހެލްތު ސްނެޕްޝޮޓެއް ނެގުމަށްޓަކައި، އަދި ކޮންމެ ރައްޔިތެއްގެ މެޑިކަލް ހިސްޓްރީ ނެގުމަށްޓަކައި ސޮފްޓްވެއަރ އެއް ވެސް ވަނީ ތައްޔާރު ކުރެވިފައެވެ. މި ސޮފްޓްވެއަރ މެދުވެރިކޮށް ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ކޮންމެ ރައްޔިތަކަށް ޚާއްޞަ ޕޭޝަންޓް ރިކޯޑެއް (މެޑިކަލް ހިސްޓްރީއެއް) ޤާއިމު ކުރެވޭނެއެވެ.
މި މެޑިކަލް ހިސްޓްރީގައި، ރައްޔިތުންގެ އިމިއުނައިޒޭޝަން ރިކޯޑުން ފެށިގެން، މިއަދާ ހަމައަށް ކުރެވުނު އޮޕަރޭޝަންތަކާއި، މިހާރު ހުރި ޞިއްޙީ މައްސަލަތަކާއި، އިޖްތިމާޢީ މައްސަލަތަކާއި، ނަފްސާނީ މައްސަލަތަކާއި، މައިންބަފައިންގެ ޞިއްޙީ މައްސަލަތަކަށް ދަންދެން ރިކޯޑް ކުރެވޭނެއެވެ.
ޕްރައިމަރީ ހެލްތު ކެއަރ އަށް އައު ދިރުވުމެއް ގެނައުމުގެ ގޮތުން ހެލްތު މިނިސްޓްރީން ފެށި އައު ޕައިލެޓް ޕްރޮގްރާމް ރަސްމީކޮށް ލޯންޗް ކުރުމަށް ނިންމާފައިވަނީ 2021 އޭޕްރީލް 7 ވަނަ ދުވަހުގައެވެ. މި ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަ ކުރަމުން އަންނަނީ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ގޮތުގައެވެ.
މި ޕްރޮޖެކްޓްގެ ފެށުމުގެ މަގްސަދަކީ، ރައްޔިތުންނާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދީ، އެއްކުރެވޭ ޞިއްޙީ މަޢުލޫމާތުގެ އަލީގައި ޞިއްޙީ ނަސޭހަތްތަކާއި ލަފާ ދިނުން ކަމަށާއި ރައްޔިތުންނަށް އިތުބާރު ކުރެވޭ ޞިއްޙީ ޚިދުމަތްތެރިން ކޮންމެ ރަށެއް ގައިވެސް ޤާއިމު ކުރުން ކަަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް