ފުލުހުންގެ ބޯޑަށް ޢާންމުންގެ ދެވަނަ މީހަކު ކުރިމަތިލުމަށް ހުޅުވާލައިފި

ފުލުހުންގެ ބޯޑަށް ޢާންމުންގެ ތެރެއިން ދެވަނަ މެންބަރަކު ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮއްފައިވާ އިއުލާނެއްގައި ވަނީ، ޢާންމު ރައްޔިތުންގެ ތެރެއިން މެންބަ...

15 Mar 2021 | 10:47

ފުލުހުންގެ ބޯޑަށް ޢާންމުންގެ ތެރެއިން ދެވަނަ މެންބަރަކު ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮއްފައިވާ އިއުލާނެއްގައި ވަނީ، ޢާންމު ރައްޔިތުންގެ ތެރެއިން މެންބަރަކު ކަނޑައެޅުމަށްޓަކައި އެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާފައި ވާ ކަމަށެވެ.

ފުލުހުންގެ ބޯޑަށް ޢައްޔަންކުރެވޭ މެންބަރުންގެ ދައުރަކީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ހަތަރު އަހަރު ދުވަހެވެ.

ޢާންމު ރައްޔިތުންގެ ތެރެއިން ފުލުހުންގެ ބޯޑަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީގެ އިތުރުން ކުށުގެ ރެކޯޑު ފޯމާއެކު، 28 މާރިޗު 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅަން ޖެހެއެވެ.

ފުލުހުންގެ ބޯޑަށް ޢާންމުންގެ ތެރެއިން ފުރަތަމަ އައްޔަން ކޮށްފައި ވަނީ ހާމިދު ޢަބްދުލްޣަފޫރެވެ. ހާމިދު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފައި ވަނީ މިއަދުއެވެ.

ފުލުހުންގެ ބޯޑު އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ 2 މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ 3 މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.

ފުލުހުންގެ ބޯޑަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކުލަވާލާފައިވާ ބޯޑެކެވެ.

އަދި މި ބޯޑަކީ ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް އުފައްދާފައިވާ ބޯޑެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް