ފުލުހުންގެ ބޯޑަށް ހާމިދު ޢަބްދުލްޣަފޫރު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފިއެވެ. ހާމިދު އައްޔަން ކުރަން ފާސްކޮށްފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުންނެވެ.
ފުލުހުންގެ ބޯޑު އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ 2 މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ 3 މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.
އެގޮތުން ގާނޫނުގައި ބުނެފައި ވަނީ ފުލުހުންގެ ބޯޑަށް އާންމުންގެ ފަރާތުން ދެ މެމްބަރު އައްޔަންކުރަން ޖެހޭނެ ކަމަށެވެ. ގާނޫނުގައިވާ ގޮތުން އާންމުންގެ ފަރާތްތަކުގެ ތެރެއިން ފުލުހުންގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ބޯޑަށް އައްޔަން ކުރާނެ ފަރާތެއް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ހާމިދު އައްޔަން ކުރަން ފާސްވެފައި ވަނީ، ވޯޓުގައި ބައިވެރިވި 41 މެމްބަރުންގެ އިއްތިފާޤުންނެވެ.
ޕޮލިސް ބޯޑަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކުލަވާލާފައިވާ ބޯޑެކެވެ.
އަދި މި ބޯޑަކީ ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް އުފައްދާފައިވާ ބޯޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް