އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފަށް ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވާތީ، އެމްޑީޕީ5 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައި ވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އިތުރަށް ބުނެފައި ވަނީ މުޒާހަރާ ކުރުމުގެ ތެރެއިން ޕީޕީއެމް އަދި ޕީއެންސީ އިން އެޗްޕީއޭގެ މިންގަނޑުތަކާ ތަކުރާކުކޮށް ޚިލާފު ވެފައި ވާތީ، ކޮންމެ ޕާޓީއެއް25 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައި ވާނެ ކަމަށެވެ.
ކޮވިޑުގެ މި ހާލަތުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ގައިޑްލައިނާ ހިލާފުވެގެން، ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ އަދި އިދިކޮޅު ދެ ޕާޓީ ކަމުގައިވާ ޕީޕީއެމާއި ޕީއެންސީވެސް ޖޫރިމަނާކޮށްފައި ވާނެ ކަމަށް ފުލުހުން އިއްޔެ ބުނެފައި ވެއެވެ. ނަމަވެސް ޖޫރިމަނާ ކޮށްފައިވާ އަދަދުތައް ފުލުހުން ހާމަކުރީ މިއަދުއެވެ.
މިއަދު ހަވީރު ހުޅުމާލޭގައި ވެރިކަން ކުރާ އެމްޑީޕީން ކެމްޕެއިން ޖަލްސާ ބޭއްވީ އެޗްޕީއޭގެ ހުއްދަ ހޯދައިގެން ކަމަށް އެ ޕާޓީން ބުނެފި އެވެ.
މި މަހުގެ 12 ވަނަ ދުވަހު އެމްޑީޕީން ހުޅުމާލޭގައި ކުރިޔަށް ގެންގޮސްފައިވަނީ ހުޅުމާލޭ ދާއިރާއަށް އެ ޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓު ރިޒްނާ ޒަރީރުގެ ކެމްޕެއިން ޖަލްސާ އެކެވެ. މި ޖަލްސާގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ޖަލްސާ އަކީ އެޗްޕީއޭއިން ހުއްދަ ނަގައިގެން ބޭއްވި ޖަލްސާއެއްކަން ކަށަވަރު ކޮށްދިނުމަށް ހުޅުމާލޭ ދާއިރާގެ މަޖިލީސް މެމްބަރު އަލީ ނިޔާޒު ވަނީ އެޗްޕީއޭއިން ދޫކޮށްފައިވާ ލިޔުން ޓުވިޓާގައި އާންމު ކުރައްވާފައި އެވެ. ނިޔާޒު ވިދާޅުވީ އެ އިވެންޓަކީ އެޗްޕީއޭގެ ހުއްދަ އާއި އެކު ބޭއްވި އިވެންޓެއް ކަމަށެވެ.
މި ޖަލްސާގައި ރިޒްނާގެ ކެމްޕެއިން ޖަހަގަ ހުޅުވައިދެއްވީ ރައީސް ނަޝީދެވެ. މި ޖަލްސާގައި އެ ޕާޓީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު ބައެއް ތަންތަނުގައި ގައިދުރު ކަމުގައި ތިބި އިރު އަނެއްބައި ތަންތަނުގައި އެންމެން ތިބީ ކައިރި ކައިރީގައި ބޮނޑިވެގެންނެވެ.
އެޗްޕީއޭގެ ހުއްދައާއެކު ޖަލްސާ ބޭއްވިކަމަށް ވިޔަސް، އެމްޑީޕީއިން ވަނީ އެ ޖަލްސާގެ ތެރޭގައި އެޗްޕީއޭގެ ގައިޑްލައިންއާ ޚިލާފު ވެފައެވެ.
އިދިކޮޅުން ސިލްސިލާގޮތެއްގައި ކުރަމުންދާ މުޒާހަރާގައި، އެޗްޕީއޭގެ ގައިޑްލައިންއާ ޚިލާފު ވުމުގެ ސަބަބުން އެތައް ދުވަހެއްގެ މަތިން މީހުން ހައްޔަރުކޮށް ޖޫރިމަނާ ކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް