އައިޖީއެމް ހޮސްޕިޓަލުގައި ވަޒީފާ އަދާކުރަމުން އަންނަ ބިދޭސީ ނަރުހަކު، އޮޅުވާލައިގެން ދެވަނަ ޑޯޒް ޖަހައިފިއެވެ.
މިކަން އައިޖީއެމް ހޮސްޕިޓަލާއި އެޗްއީއޯސީންވެސް އަދި ރަސްމީ ސިފައެއްގައި ހާމައެއް ނުކުރެއެވެ. ނަމަވެސް މިކަން މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަން ދުވަހަށް ވަނީ ކަށަވަރު ކުރެވިފައެވެ.
އޮޅުވާލައިގެން ނަރުހަކު ވެކްސިން ޖަހާފައިވާކަން އެނގުމުން އެ ނަރުސް މީހާ ބުނެފައިވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖެހީ ޗުއްޓީއަށް ދާން ޖެހޭތީ ކަމަށެވެ. ނަމަވެސް އޭނާ އެ ޑޯޒް ނެގީ އެކަމަށް އޮންނަ އިންތިޒާމުގެ ތެރެއިން ދެވަނަ ޑޯޒަށް އެދިގެނެއް ނޫނެވެ.
ޗުއްޓީއަށް ދާ މީހުންނާއި، އަށް ހަފްތާއަށް ވާއިރަށް އެނބުރި ނާދެވޭނެ މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ ފުރުސަތު އޮންނަފަދަ ގޮތަކަށް އުސޫލެއް ހަދާފައިވެއެވެ. ނަމަވެސް ރާއްޖޭގައި ހުރީ ކޮވިޝީލްޑްގެ 212،000 ޑޯޒް ކަމަށްވެފައި، ހުސްވާން ބާކީ ދެން ހުރީ ފަސް ހާހެއްހާ ޑޯޒް ކަމަށްވާއިރު ބިދޭސީ ނަރުހަކު އޮޅުވާލައިގެން ވެކްސިން ޖެހުމުން މިކަން އެނގޭ ބައެއް ނަރުހުންނާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުންވެސް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ދެވަނަ ޑޯޒަށް އޮތް އުސޫލުގެ ދަށުން ކޮންމެވެސް ވަރަކަށް ޖަހަމުން އަންނަ ކަމަށާއި އެހެންނަމަވެސް ނަރުހަކު އޮޅުވާލައިގެން ވެކްސިން ޖެހި ކަމަށް މީޑިއާއިން ސުވާލު އަންނާތީ އެކަން ސާފުކޮށްލަދޭން އައިޖީއެމް ހޮސްޕިޓަލުގައި އެދިފައިވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް