ސެރިއޭ: ރޮނާލްޑޯގެ ހެޓްރިކާއި އެކު ޔުވެންޓަސް އަށް މުހިންމު މޮޅެއް

އިޓާލިއަން ލީގުގައި ރޭ ކަގްލިއާރީ އާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް މޮޅުވެއްޖެއެވެ. މި މެޗުން ޔުވެންޓަސް މޮޅުވީ 1-3 ގެ ނަތީޖާއިންނެވެ. ރޭ ކަގްލިއާރީ އާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މި މެޗުގައި ޕޯޗް...

15 Mar 2021 | 03:40

އިޓާލިއަން ލީގުގައި ރޭ ކަގްލިއާރީ އާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް މޮޅުވެއްޖެއެވެ.

މި މެޗުން ޔުވެންޓަސް މޮޅުވީ 1-3 ގެ ނަތީޖާއިންނެވެ.

ރޭ ކަގްލިއާރީ އާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މި މެޗުގައި ޕޯޗްގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ.

އަދި ރޭގައި ރޮނާލްޑޯ ޖެހި ލަނޑުތަކާއި އެކު އޭނާ ވަނީ ރެކޯޑެއްވެސް ހަދާފައެވެ.

އެގޮތުން ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ބްރެޒިލްގެ ޕެލޭ ރަސްމީ މެޗުތަކުގައި އޭނާ ޖެހި ލަނޑުގެ އަދަދައްވުރެ ރޮނާލްޑޯ ޖެހި ލަނޑުގެ އަދަދު ވަނީ އިތުރުވެފައެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ތިން ލަނޑާއެކު އޭނާގެ ކެރިއަރުގައި ކުޅުނު ރަސްމީ މެޗުތަކުގައި ޖެހި ލަނޑުގެ އަދަދު ވަނީ 770 އަށް އަރާފަ އެވެ. ޕެލޭ އަށް ޖެހިފައިވަނީ 767 ލަނޑެވެ.

ރޭގެ މެޗުގައި ރަނގަޅަށް ކުޅެފައިވަނީ ޔުވެންޓަސްއިންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މެޗުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 25 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯއެވެ. ޔުވެންޓަސްގެ ތިން ވަނަ ލަނޑު މެޗުގެ 32 ކާމިޔާބުކުރި އިރު މި ލަނޑުވެސް ކާމިޔާބުކުރީ ރޮނާލްޑޯއެވެ.

މެޗުގައި ކަގްލިއާރީ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖިއޮވާނީ ސިމިއޯނީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް