އިރު އެރިއިރު އިސްލާމީ މަރުކަޒު ސަރަހައްދުގައްޔާއި މަޖިލިސްކުރާ ގޭ ކައިރީގައި ދިގު ކިއުއެއް ދަމާލާފައި އެބަ އޮތެވެ. ދިގު އެ ދެ ކިއުގައިވެސް ތިބީ ހުސް ބިދޭސީންނެވެ. މައިގަނޑުގޮތެއްގައި ބަންގްލަދޭޝަށް ނިސްބަތްވާ ރައްޔިތުންނެވެ.
އާންމުގޮތެއްގައި ހުޅުވާލައިގެން ވެކްސިންދިނުން މިއަދަށްފަހު ކުރިއަށްނުގެންދާނެ ކަމަށް ކުރިން ބުނެފައިވާއިރު މިއަދު ކިއުތަކަށް ވަރަށް ބާރުބޮޑުވާނެ ކަމަށް ކުރިއްސުރެވެސް އޮތީ ބެލެވިފައެވެ. މިދިޔަ ދެތިން ދުވަހެއް މިދަނީ ކިއުތަކަށް ވަރަށް ބާރު ބޮޑުކޮށެވެ.
އިސްލާމީ މަރުކަޒު ކައިރީގައި ދަމާލާފައި އޮތް ކިޔު، ވެކްސިން ޖަހަން ވަންނަ ދިމާލާ ވާގޮތަށް ދެކޮޅަށް އޮތް އިރު، މެދެއްހާ ހިސާބުގައި ތިބި ދެތިން ބިދޭސީއަކާ، އެ މީހުން ކިއުއަށް އެރީ ކިހާއިރަކުތޯ އަހާލީމެވެ. ބުނީ ދެގަޑި ކޮންމެވެސް މިނެޓެއްގައި ކިއުއަށް އެރި ކަމަށެވެ. ކިއުގައި އެއް ބަޔަކު އިށީނދެ ތިބި އިރު އަނެއް ބަޔަކު ފާރުގައި ލެގިލައިގެން ތިއްބެވެ. އެ ސަރަހައްދުގެ ޓައިލްސް މަތީގައި އޮތީ ފެންވެސް ބޮޑުވެފައެވެ.
މަޖިލިސް ކުރާ ގޭ ކައިރީގައިވެސް އޮތީ ހަމަ އެހާމެ ދިގު ކިއުއެކެވެ. އެ ކިއު އޮތީ ދުވާރު ފަޅީގައިކަމުން ގިނައީ ދުވާރުމަތީގައި އިށީނދެ ތިބި މީހުންނެވެ. އެ ކިއުގެ އެންމެ ކުރީގައި ތިބި ބިދޭސީ ދެތިން މީހެއް ކުރެން ސުވާލުކޮށްލީމާ ބުނީ ދޭއް ނުޖަހަނީސް ކިއުއަށް އެރި ކަމަށެވެ. އަދި ކުރިން ވެކްސިން ނުޖެހީ ކީއްވެތޯ އެހުމުން ބުނީ ހަމަ ކޮންމެ ކޮންމެ މީހަކަށް ވެކްސިން ޖެހޭކަން ނޭނގި އޮތް ކަމަށެވެ. އަދި އަތުގައި އެއްވެސް ލިޔެކިޔުމެއް ނެތުމުން އެ ބިރުވެސް ކޮންމެވެސް ވަރަކަށް އޮތް ކަމަށެވެ.
ކޮންމެއަކަސް ރޭ ދަންވަރުއްސުރެ ދިގު ކިއުތައް އެވަނީ ދަމާލާފައެވެ. އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި ވެކްސިން ދިނުން ކުރިއަށްގެންދާނޭ މިއަދު މީ ފަހު ދުވަހެވެ. އެހެން ނަމަވެސް ރާއްޖެގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ލިބިގެން މިހާރު ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންގެ އިތުރު ޑޯޒްތައް ރާއްޖެއަށް ލިބެން ފެށުމުން އަނެއްކާވެސް އާންމުކޮށް ހުޅުވާލާނެ ކަމުގައި ބެލެވެއެވެ.
އިއްޔެގެ ނިޔަލަށް ރާއްޖޭގައި 206،114 މީހަކަށް މިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. ރާއްޖޭގައި ވެކްސިން ދިން އަދަދު ދެ ލައްކައަށް އަރާފައިވާއިރު މިއަދު މާލެ ސަރަހައްދުގައި 4،941 މީހަކަށް އަދި މާލެ ނޫން ސަރަހައްދުތަކުގައި 2،967 މީހަކަށް ވެކްސިން ދީފައިވެއެވެ.
ޖުމްލަ އަދަދު 206،114 އަށް އަރާފައިވާއިރު މާލެ ސަރަހައްދުގައި ވެކްސިން ދީފައިވާ ޖުމްލަ އަދަދަކީ 116،636 އެވެ. މާލެ ނޫން ސަރަހައްދުތަކުގައި ޖުމްލަ އަދަދަކީ 89،478 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް