މިހާރު ރާއްޖޭގައި ހަލުވިކަމާއެކު ހުމާއި ރޯގާއާއި އެކު އެޗް1އެން1ވެސް ފެތުރެމުން އަންނަ އިރު މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންތަކެއް އިސްނަގައިގެން މާލޭގެ ބައެއް ސަރަހައްދުތަކުގައި މާސްކު ބަހައިފި އެވެ.
ދުވަހަށް މައުލޫމާތު ދެމުން މިކަމުގައި ހަރަކާތްތެރިވި ބައެއް ދަރިވަރުން ބުނިގޮތުގައި މި ހަރަކާތަކީ މިހާރު ރާއްޖޭގައި ހުމާއި ރޯގާ ފެތުރެމުން އަންނައިރު ފަރުދީ ޒިންމާ ނަގައި ރައްޔިތުން ހޭލުންތެރި ކުރުވައި، އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
"އަޅުގަނޑުމެން މާސްކު ބެހީ މާލޭގައި ގިނައިން މީހުން އެއްވެ އުޅޭ އަދި މީހުންގެ ހަރަކާތްތައް ގިނަ ބައެއް ސަރަހައްދުތަކުގައި، އެގޮތުން ދަތުރުވެރިންގެ މާރުކޭޓާއި، ފެރީ ޓާމިނަލް ތަކާއި، ފްލޫ ކްލިނިކްތައް ހިމެނޭ ސަރަހައްދުތަކުގައި މާސްކު ބެހުމުގެ ހަރަކާތް ކުރިއަށް ގެންދެވުނު" މި ހަރަކާތުގައި ބައިވެރިވި ކުދިން ބުންޏެވެ.
މާސްކު ބެހުމުގައި ހަރަކާތްތެރިވި އިރު މީހުންގެ ކިބައިން ވަރަށް "ޕޮޒިޓިވް" ފީޑްބެކް ލިބުނު ކަމަށާއި މިފަދަ ހަރަކާތެއް ހިންގާތީ މީހުންގެ ތާއީދާއި ތަރުހީބު ވަރަށް ބޮޑަށް ލިބިގެން ދިޔަކަމަށްވެސް މި ހަރަކާތުގައި ބައިވެރިވި ދަރިވަރުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ރައްޔިތުން ހޭލުންތެރި ކުރުވުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު ހަރަކާތްތަކެއް ހިންގުމަށް ރާވަމުން އަންނަ ކަމަށާއި އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި ގުޅިގެން އަދި އެ އޭޖެންސީގެ އެހީތެރިކަމާއެކުވެސް ބައެއް ހަރަކާތްތައް ހިންގުމަށް ރާވަމުން އަންނަ ކަމަށް އެ ދަރިވަރުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް