އެޗް1އެން1 އަށް ޕޮޒިޓިވް ވެގެން އައިޖީއެމްއެޗު އައިސީޔޫގައި ފަރުވާދެމުންދާ މާބަނޑު މީހާގެ ދަރިފުޅު ސިޒޭރިއަން ހަދައިގެން ނަގާފައިވާއިރު އެ ދެމައިންގެ ހާލު ވަރަށް ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެ އަންހެން މީހާ މާލެ ގެނައީ އިއްޔެ ރޭ ހދ. ކުޅުއްފުށީ ރީޖަނަލް ހޮސްޕިޓަލުންނެވެ. އެ އަންހެން މީހާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. އަދި ސިޒޭރިއަން ހަދާފައި ނެގި ކުއްޖާއަށްވެސް ފަރުވާދެމުން ދަނީ އެންއައިސީޔޫގައި ކަމަށް މައުލޫމާތު ލިބެ އެވެ.
ސިޒޭރިއަން ހަދައިގެން ކުއްޖާނެގި އިރު އަދި ބަނޑަށް ހަމަސް ނުވާކަމަށްވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާ ނެގީ ފުރާނައަށް ނުރައްކާވެދާނެތީ އެވެ.
މި އަންހެން މީހާގެ އިތުރުން އެހެން މާބަނޑު މީހަކަށްވެސް އެޗް1އެން1 ޖެހިގެން އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ. އެކަމަކު އޭނާގެ ހާލު އެހާ ސީރިއަސް ނޫންކަމަށް އެޗްޕީއޭއިން ވަނީ ބުނެފައި އެވެ.
ހަލުވިކަމާއި އެކު އެޗް1އެން1 ވައިރަސް ފެތުރެމުންދާއިރު އެޗްޕީއޭއިން ބުނީ މިހާތަނަށް 51 މީހެއްގެ ގައިން އެ ވައިރަސް ފެނިފައިވާ ކަމަށެވެ. އަދި 26 އަހަރުގެ ފިރިހެނަކު މި ބަލީގައި މަރުވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް