ނާޒިމް ގޭ ބަންދަށް ބަދަލުކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފި އެވެ. އެކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުން ބުނީ ނާޒިމް ދޫނިދޫގައި ބެހެއްޓުމަށް ފަހު ގޭބަންދަށް ބަދަލު...

15 Mar 2015 | 15:37

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

އެކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުން ބުނީ ނާޒިމް ދޫނިދޫގައި ބެހެއްޓުމަށް ފަހު ގޭބަންދަށް ބަދަލު ކުރީ މިއަދު ހަވީރު ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ ގެއަށް ބަދަލު ކުރީ އަވަސް އަވަހަށް ޑޮކްޓަރަށް ދައްކާ، ޓެސްޓްތަކެއް ހަދަން ޖެހޭތީ އެވެ. ކޯޓު އަމުރުގެ ދަށުން އޭނާ އާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް އަމުރުކުރުމާއި ގުޅިގެން ދޫނިދޫގައި ބަހައްޓާފައި ވަނިކޮށް މިހާތަނަށް ދެ ފަހަރަކު ވަނީ ޑޮކްޓަރަށް ދައްކަން މާލެ ގެނެސްފައެވެ.

ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުނު ކަމުގެ ތުހުމަތުގައި ނާޒިމްގެ މައްޗަށް ދައުވާ ކުރަމުންދާއިރު، ނާޒިމް ހައްޔަރުކޮށްފައިވަނީ މި ދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. އެ ދައުވާއަށް އޭނާ އިންކާރު ކޮށްފަ ވެއެވެ.

ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ޕެންޑްރައިވް އެއްގައި ހުރި މައުލޫމާތުތަކަށް ބަލާއި ވިލާ ކުންފުންޏާއި، ރިޔާޒު ކިޔާ މީހެއްގެ އިތުރުން އެސްޓިއޯއިން ހަރަދުކޮށްގެން ދައުލަތުގެ ތިން ވެރިއަކަށް ހަމަލާ ދޭން ނިންމާފައިވާ ކަމަށެވެ. އެ ތިން ބޭފުޅުންނަކީ، ރައީސް ޔާމީނާއި، ޓޫރިޒަމް މިނިސްޓަރު އަދީބުގެ އިތުރުން ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދެވެ.

އަދި އޭގައި ހުރި މައުލޫމާތުތަކުން މަޖިލީހުގެ ތިން ވޯޓަކާއި އެމްޑަބްލިއުއެސްސީއަށް ކްރައިސިސްއެއް ގެންނަން ނިންމާފައިވާކަން އެނގިފައިވާ ކަމަށެވެ.

ނާޒިމާއި ދެކޮޅަށް އުފުލާފައިވާ ނުރައްކާތެރި ހަތިޔާޜު އެތެރެ ކުރި ކަމުގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިޔަށް ދާއިރު މާދަމާ ޝަރީއަތުގެ އަޑު އެހުމެއް ބޭއްވުމަށް ތާވަލް ކުރުމަށް ފަހު ވަނީ ކެންސަލްކޮށްފައެވެ. އަދި ދެން އަޑުއެހުމެއް އޮންނާނެ ތާރީހެއްވެސް ނާންގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް