އިމާރާތެއްގެ ފުރާޅުމަތިން ބިދޭސީއަކު ވެއްޓި އަނިޔާ ވެއްޖެ އެވެ.
ފުލުހުން ބުނީ ބިދޭސީއަކު ވެއްޓުނީ ފަސް ބުރިއަށް ހަދާފައިވާ ހެންވޭރު ޓައިމްލެސްގެ ފުރާޅުމަތިން ކަމަށާއި މިހާދިސާގައި އަނިޔާވެފައިވަނީ ބަނގްލަދޭޝްގެ ރައްޔިތަކަށް ކަމަށެވެ.
މިއަދު ހަވީރުގެ 16:15 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވި މީހާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި އެމީހާ ވެއްޓިފައިވަނީ ހ. ޓައިމްލެސްއާ އިންވެގެންހުރި އެއްބުރީގެ އިމާރާތެއްގެ ފުރާޅުމައްޗަށް ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށްބުނީ މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙުޤީޤު ކުރަމުން އަންނަ ކަމަށާއި ބައެއްފަހަރު މިފަދަ ހިތާމަވެރި ޙާދިސާތައް ހިނގަމުންދަނީ ޢިމާރާތްކުރާ ފަރާތްތަކުންނާއި މަސައްކަތުގައި ޙަރަކާތްތެރިވާ މީހުން ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުންކަން ފާހަގަ ކުރެވޭ ކަމަށެވެ. ވީމާ ޢިމާރާތްތައް ކުރާއިރު ހުރިހާ ފަރާތްތަކަކުންވެސް ސަލާމަތާ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިފުރުޞަތުގައިވެސް ހަނދުމަފުޅުކޮށް އަރުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް