ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ ރިޕޯޓް ލިބޭނީ ހަތް ދުވަހާއި 14 ދުވަހުގެ ތެރޭގައި ކަމަށް ކްރިމިނަލް ކޯޓުން ބުނާ ކަމަށާއި ރިޕޯޓް ލިބުން ލަސްވާ ކޮންމެ ދުވަހަކީ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ހުރަސް އެޅޭ ކަމެއް ކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރެއްވުމަށް ކްރިމިނަލް ކޯޓުން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ހޯދުމަށް ކްރިމިނަލް ކޯޓުގައި އެމަނިކުފާނުގެ ވަކީލުން މިއަދު އެދިވަޑައިގެންފައި ވާކަމަށެވެ. އަދި ހުކުރު ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް ހުކުމް ކުރުމުގެ ކުރިން އެމަނިކުފާނުގެ ވަކީލުން ޝަރީޢާތުގެ މަޖިލިހުގައި ދައްކަވާފައިވާ ވާހަކަތައް މަޙްޟަރު ކުރުމަށްޓަކައި ބަޔާންތަކުގައި ސޮއި ކުރެއްވުމަށް ވަކީލުންނަށް ކްރިމިނަލް ކޯޓުން އަންގަވާފައިނުވާކަމާއި، ހުކުމް ކުރެއްވުމަށްފަހު އަމަލުކުރުމަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ގޮތުގެ މަތިން ހުކުމުގެ އަސްލާއި ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓު ރައީސް ނަޝީދާއި ހަވާލު ކުރައްވާފައި ނުވާކަން ފާހަގަ ކުރާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ.
"ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާ ގުޅޭ ގޮތުން ރައީސް ނަޝީދުގެ ވަކީލުންނަށް ކްރިމިނަލް ކޯޓުގެ އަންގަވާފައިވަނީ އެ ރިޕޯޓު ފޯރުކޮށްދެވޭނީ 7 ދުވަހާއި 14 ދުވަހުގެ ތެރޭގައި ކަމަށް، ކްރިމިނަލް ކޯޓުން މިގޮތަށް އަންގަވާފައިވާހިނދު، ދިވެހިރާއްޖޭ ސުޕްރީމް ކޯޓުން 27 ޖަނަވަރީ 2015 ވަނަ ދުވަހު ނެއްރުވާފައިވާ ސަރކިއުލަރއިން ފުރަތަމަ މަރުހަލާގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކާއި ސުޕީރިއަ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ކުރާ ހުކުމްތަކާއި ނިންމުންތައް އިސްތިއުނާފް ކުރުމަށް މީގެ ކުރިން ޢަމަލު ކުރަމުން އައި އުސޫލަށް ވަނީ ބަދަލު ގެންނަވާފައެވެ. މި ސަރކިއުލާއިން އިސްތިއުނާފް ކުރުމުގެ މުއްދަތު 90 ދުވަހުން 10 އަށް ވަނީ ބަދަލުކުރައްވާފަ، އެހެންކަމުން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުން ލަސްވާ ކޮންމެ ދުވަހަކީ ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ހުރަސް އެޅޭ ކަމެއްކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަން" ރައީސް ނަޝީދުގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ 2015 ފެބްރުއަރީ 22 ވަނަ ދުވަހު ރައީސް ނަޝީދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުއްވި އަމުރުގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ހުޅުވާލެވިފައިވާ ޝަރީޢަތަކަށް ހެދުމަށާއި އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން 2015 މާޗް 13 ވީ ހުކުރު ދުވަހު ކުރެއްވި ހުކުމް ވީއެންމެ އަވަހަށް އިސްތިއުނާފް ކުރުމަށް ބޭނުންވާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ކްރިމިނަލް ކޯޓުން ފޯރުކޮށްދެއްވުމަށް ގޮވާލާ ކަމަށެވެ. އަދި މިރިޕޯޓު ލިބުން ލަސްވާ ކޮންމެ ދުވަހަކީވެސް ޤާނޫނު އަސާސީން ރައީސް ނަޝީދަށް ލިބިދީފައިވާ އިސްތިއުނާފް ކުރުމުގެ ހައްޤުން އެމަނިކުފާނު މަހުރޫމް ކުރެވޭ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް