ރާއްޖޭގެ އިގްތިސޯދުގެ ރައުސްމާލުން މިހާރު މި ފެންނަ ހަތަރު ފަސް ވިޔަފާރިވެރިންގެ ބަދަލުގައި ޒުވާނުންގެ އަދަދު އިތުރުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޒުވާން މަސްވެރިންނާއި އޮޑިވެރިންނަށް ލޯނު ދޫކުރުން ފެށުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އެންމެ ހިނގާ ފަސް ވަރަކަށް ކުންފުންޏަކީ ހިދުމަތްތެރި ކުންފުނިތަކެއް ކަމަށާއި ނަމަވެސް ރާއްޖޭގެ އިގްތިސޯދުން ފެންނަން ޖެހޭނީ އެ ކުންފުނިތައް އެކަނިނޫންކަމަށެވެ. ރައީސް ވިދާޅުވީ ގނަ އާއިލާތަކަކަށް އާމްދަނީ ހަމަޖެހިގެންދަނީ އެކުންފުނިތަކުގެ ސަބަބުން ކަމަށް ވާއިރު ޒުވާނުންވެސް އެ ފަދަ މަަސައްކަތްތަކަށް ނުކުންނަން ޖެހޭ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ޒުވާނުން އަބަދު ނޯކިރީ ކުރުމަކީ ހައްލެއް ނޫން ކަމަށާއި އިގްތިސޯދުގެ ރައުސްމާލުގައި އެމީހުން ބައިވެރިވާން ޖެހޭ ކަމަށެވެ. އަދި އިގްތިސޯދުގެ ބޮޑު ބައެއް ބެހިގެން ގޮސް އޭގެ މަންފާ ގައުމަށް ކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރަށް މީހަކު މުއްސަނދިކޮށް ނުދެވޭނެ ކަމަށާއި އެކަމަށް ފަހިކޮށްދެވޭނީ ފުރުސަތުތަކެއް ކަމަށެވެ. އަދި އެ ފުރުސަތުތަކުގެ ބޭނުން ހިފައިގެން މުއްސަނދިވުމުގެ ހިތްވަރު، ޒުވާނުންގެ ހުންނަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އިގްތިސޯދުގެ ބޮޑު ބައެއް ސަބްސިޑީގެ ތެރެއިން ބެހިގެން ދިއުމަކީ އޭގެ ޒާތުގައި ދެމެހެއްޓެނިވި ކަމެއް ނޫނެވެ. އެގޮތުން ކަރަންޓު ސަބްސިޑައިޒް ކުރުމާއި ބޭސް ސަބްސިޑައިޒް ކޮށްގެން ދައުލަތަކަށް ކުރިއަށް ދެވޭނީ ކިހާ ދުވަހަކު، ކިހާ މިންވަރަކަށްތޯ ކޮންމެ މީހަކު ވެސް ހިޔާލުކޮށްލަން ޖެހޭ ކަމަށެވެ.
"ދެމެހެއްޓެނިވި ގޮތަކަށް މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކުރެވޭ ކަމެއް ނޫން. އަދި ކުރެވިފަ އޮތް ކަމެއް ވެސް ނޫން. މީގައި ހަމަ ބޭނުމަކަށް ވާނީ ސަބްސިޑީތައް ވެސް ހަމަޖެހިފައިވާ އުސޫލަކުން ރެޝަނަލައިޒް ކުރުމާއެކު އިގްތިސޯދުގެ ފައިދާ ގިނަ ބަޔަކަށް ލިބޭނެ، އެކަމުގައި ގިނަ ބަޔަކު ބައިވެރިވެވޭނެ ގޮތަކަށް ހަމަޖެހިގެން ދިޔުން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ލޯނު ދޫކޮށްގެން ޒުވާން ވިޔަފާރިވެރިންނާއި އޮޑިވެރިން ވެސް އުފައްދަން ސަރުކާރުން މަސައްކަތް ކުރަނީ އެ ބޭނުމަށްޓަކަ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ޒުވާން އޮޑިވެރިންނާއި މަސްވެރިންގެ ތެރެއިން 14 މީހަކަށް މިއަދު ވަނީ 8.6 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފަ އެވެ.
ރައީސް ވިދާޅުވީ އެއީ ޒުވާނުންނަށް ހާއްސަކޮށްގެން ސަރުކާރުން ދޭން ނިންމި ލޯނެއް ނަމަވެސް އެކަމަށް ކުރިމަތިލީ އެންމެ ތިން ޒުވާނުން ކަމަށެވެ. އެހެންވެ، ލޯނު ދޭ ނިސްބަތް އިތުރު ކުރަން ސަރުކާރުން ބޭނުންވި ނަމަވެސް ޒުވާނުން އެކަމަށް ޝައުގުވެރި ނުވާހާ ހިނދަކު، އެ އަދަދު އޮންނާނީ އެ ވަރުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއީ ވިސްނުމެއް ނެތި ރާވާ ޕްރޮގްރާމްތަކެއް ނޫން ކަމަށާއި ޒުވާނުން ބާރުވެރިކުރުވައި، އިގްތިސޯދު ކުރިއެރުވޭނީ މި ފަދަ ޕްރޮގްރާމްތަކުގައި ޒުވާނުން ބައިވެރިވާ ނިސްބަތް އިތުރުކޮށްގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް