ނ. ވެލިދޫގައި ނަހަލާލަށް ބަލިވެއިނދެ ވިހެއުމަށްފަހު ދަރިފުޅު ވަޅުލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާއި ގުޅިގެން އުމުރުން 18 އަހަރުގެ އަންހެނަކު ވެލިދޫން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ ތުއްތު ކުއްޖާ ހޯދަން ރަށުގެ އެކި ސަރަޙައްދުތައް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން އެ ރަށުގެ ބައެއް ސަރަހައްދުތައް ކޮންނަމުން ދާކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އަދި މިހާތަނަށް އެކުއްޖާ ފެނިފައިނުވާ ކަމަށެވެ.
ފުލުހުން ބުނީ، އެމައްސަލައިގައި ހައްޔަރު ކޮށްފައިވާ އަންހެންމީހާ، ކުއްޖަކު ވިހެއުމަށްފަހު ވަޅުލާފައިވަނީ ދިރިހުއްޓަކައި ކަމެއް ނުވަތަ ނޫންކަމެއް ނޭނގޭ ކަމަށެވެ. އަދި އޭނާ އެކަން ކޮށްފައިވަނީ ކޮން ދުވަހެއްގައި ކަންވެސް މިހާތަނަށް ބެލި ބެލުމުން އެނގިފައި ނުވާކަމަށެވެ.
ފުލުހުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދަނީ ލިބުނު މައުލޫމާތުތަށެވެ.
އެމައްސަލަ ބަލަމުން ދަނީ ވެލިދޫ ޕޮލިސް ސްޓޭޝަނާއި މަނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން އެކުލަވާލާފައިވާ ހާއްސަ ތަހުގީގު ޓީމަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް