މެމްބަރު ނާޒިމްގެ މައްޗަށް ހުކުމް ކުރަން އޮތް ޝަރީއަތް ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ދައުވާގެ މިއަދު ޝަރީއަތް ކެންސަލްކޮށްފި އެވެ. މިއަދުގެ ޝަރީއަތުގައި އޮތީ ...

15 Mar 2015 | 07:15

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ދައުވާގެ މިއަދު ޝަރީއަތް ކެންސަލްކޮށްފި އެވެ.

މިއަދުގެ ޝަރީއަތުގައި އޮތީ ހުކުމް އިއްވުމެވެ. ސުޕްރީމް ކޯޓުން ބުނީ މިއަދު ބާއްވަން އޮތް ޝަރީއަތް ކެންސަލް ކުރީ އިދާރީ މައްސަލަތަކަކާއި ގުޅިގެން ކަމަށެވެ.

ނާޒިމްގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުންތައް  ނިންމާލާފައިވާއިރު ހުކުމުގެ ކުރިން އޮޅުންފިލުވަން ބޭނުންވާ  މައުލޫމާތުތަކެއް ހުރިކަމަށް ބުނެ މިމަހުގެ 11 ވަނަ ދުވަހު ވަނީ އިތުރު އަޑުއެހުމެއް ބާއްވާފަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅީ ނާޒިމްގެ މައްޗަށް އެކަނި އެ ދައުވާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފައި ވާތީ އެވެ. ސުޕްރީމް ކޯޓުގައި ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއްސޫދު އެދިވަޑައިގެންވަނީ ދަށު ކޯޓޫގެ ނިންމުމަށް ތާއީދުކޮށްދެއްވުމަށެވެ.

ދައުލަތުން ނާޒިމްގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީން ބަނދަރު ބައްތިތަކެއް ގަތުމަށާއި މިސްކިތްތަކަކަށް ސައުންޑް ސިސްޓަމްތަކެއް ގަތުމަށާއި 15،000 ދިދަ ގަތުމަށް ދެ ފަހަރަކަށް އިއުލާން ކުރުމުން، ނނާޒިމްގެ ކުންފުނި ނަމިރާއިން ބިޑް ހުށަހެޅުމަށްފަހު އެ ކުންފުނީގެ މުވައްޒަފުން މެދުވެރިކޮށް އެހެން ކުންފުނީގެ ނަންމަތީގައި ވެސް ބިޑް ހުށަހެޅި ކަމަށެވެ. އަދި އެހެން ކުންފުނީގެ ނަންމަތީ ބިޑް ހުށަހަޅާފައިވަނީ އެ ކުންފުނިތަކަށް ވެސް ނޭނގި ކަމަށާއި އެކަން ކުރުމުގެ "މުގުލު"ގައި ހުރީ ނާޒިމް ކަމަށް ދައުލަތުން ދަނީ ސުޕްރީމް ކޯޓުގައި ބުނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް