ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމާއި ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އޭޝިއަން ސެންޓަ ފޯ ހިއުމަން ރައިޓްސް (އޭސީއެޗްއާރް) އިން ގޮވާލައިފި އެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ހާލަތާއި މެދު އދ. އާއި ބައިނަލްއަގްވާމީ މުޖުތަމައުން ފިޔަވަޅު ނާޅައިިފިނަމަ ރާއްޖެއަށް ދުވަހަކުވެސް ޑިމޮކްރެސީ އެނބުރި އައުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އަދި ނަޝީދުގެ ޝަރީއަތް އިންސާފުވެރިކަމަށް ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް ނަޝީދުގެ މައްޗަށް ހުކުމް އިއްވާފައިވަނީ އިންސާފުވެރި ޝަރީއަތަކުން ނޫން ކަމަށެވެ.
އެ ޖަމިއްޔާގެ ޑައިރެކްޓަ ސުހާސް ޗަކްމާ ނެރުއްވާފަވާ އެ ބަޔާނުގައި ވަނީ ސަރުކާރުގެ އިސްވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި ރައީސް ޔާމިންއާއި، ފޮރިން މިނިސްޓަރު ދުންޔާ އާއި، ޕީޖީ މުހުތާޒު އާއި، ނަޝީދުގެ މައްސަަލަ ބެއްލެވި ތިން ގާޒީންގެ އިތުރުން އެހެން ބައެއް އިސްވެރިންގެ މުދާ ހިފަހައްޓާ އެ ބޭފުޅުންގެ އެކައުންޓްތައް ފްރީޒްކޮށް ދަތުރުކުރުން މަނާކުރުމަށް ގޮވާލާފަ އެވެ. އަދި ދިވެހިރާއްޖެއަށް ދޭ މާލީ އެހީތެރިކަން ދިނުން ހުއްޓާލުމަށާއި ދޭދޭ ގުޅުންތައް ކަނޑާލުމަށްވެސް ވަނީ ގޮވާލާފަ އެވެ.
ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމާއި ގުޅިގެން އެމެރިކާ، އިނގިރޭސިވިލާތް އަދި އިންޑިއާ ފަދަ ބޮޑެތި ގައުމުތަކާއި އީޔޫއާއި ކޮމަންވެލްތާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ބޮޑެތި ޖަމިއްުޔާ ތަކުން އެ ހުކުމާއި މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފައިވާއިރު ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމަށް ހުރިހާ ފަރާތްތަކަކުންވެސް އިހްތިރާމް ކުރުމަށް ދިވެހި ސަރުކާރުން ރޭ ވަނީ ގޮވާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް