މާފުށީގައި މި އަހަރު ޑޮލަރު އޭޓީއެމް ބަހައްޓާނަން: ރައީސް

ކ.މާފުށީގައި މި އަހަރުގެ ތެރޭގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ "ރައީސްގ...

15 Feb 2024 | 11:25

ކ.މާފުށީގައި މި އަހަރުގެ ތެރޭގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ސިލްސިލާގައި ކ.މާފުއްޓަށް ނިސްބަތްވާ އަހުމަދު ސަމީރު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ސަމީރު ވަނީ މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓޭނީ ކިހާތާކުތޯއާއި، ޑޮލަރު ލިބުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ ގޮތުން ސުވާލު ކޮށްފައެވެ.

އެ ސުވާލުތަކަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާފުށީގައި ޑޮލަރު އޭޓީއެމް އެއް ބެހެއްޓުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި، ބޭންކް އޮފް މޯލްޑިވްސްއާއި މަޝްވަރާކޮށްގެން މި އަހަރުގެ ތެރޭގައި މާފުށީގައި ޑޮލަރު އޭޓީއެމް އެއް ބަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޑޮލަރު ލިބުމުގެ ދަތިތައް ހައްލުކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޤްތިޞާދީ ގޮތުން ގެންނަން ޖެހޭ އިސްލާހުތައް ގެނެވުމުން ޑޮލަރު ލިބުމުގައި ފަސޭހަވެގެން ދާނެ ކަމަށެވެ.

"އިރާދުކުރެއްވިއްޔާ ބިޔަ ބޮޑެތި މަޝްރޫޢުތައް ހިންގަން ފެށީމާ އަދި އިންވެސްޓްމަންޓްތައް ގިނަ ވާން ފެށީމާ ޑޮލަރު ތިޔާގިވާނެ. އިރާދުކުރެއްވިއްޔާމުން ޑޮލަރު ލިބޭލެއް އަވަސް ވާނެ. ފަސޭހަވާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ސަމީރު ވަނީ މާފުށީގެ ބިން ހިއްކުމުގެ މަޝްރޫޢާ ގުޅޭ ގޮތުންވެސް ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އަހަރު ތެރޭގައި އެ މަޝްރޫޢު ނުފެށިދާނެ ނަމަވެސް އެންމެ ފަހު އަހަރަށް މަޑު ނުކޮށް، ވީހާވެސް އަވަހަށް އެ މަޝްރޫޢު ކުރިއަށްގެންދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭ މަޝްރޫޢުތައް ވީހާވެސް އަވަހަކަށް ފަށައިގެން ކުރިއަށް ގެންދެވޭތޯ ބެލުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް