ދިރާގުން އިންތިޒާމްކޮށްގެން ބާއްވާ އީސްޕޯޓްސް މުބާރާތް، އީއޭއެފްސީ 24 މިނީ ސީރީޒް 1 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފިއެވެ.
އީއޭއެފްސީއަކީ ރާއްޖޭގެ ހުރިހާ އުމުރުފުރައެއްގެ ކުޅުންތެރިންވެސް ކުޅޭ މަޝަހޫރު ކޮންސޯލް ގޭމެކެވެ. ދިރާގު އީއޭއެފްސީ 24 މިނީ ސީރީޒް 1 ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 އިން 24 އަށް ދިރާގު ހެޑް އޮފީހުގައެވެ. މި އިވެންޓްގެ ތެރޭގައި އިތުރު ގޭމިންގ އިވެންޓްތައްވެސް ކުރިއަށްދާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ދިރާގު އީއޭއެފްސީ 24 މިނީ ސީރީޒް 1 ގެ ޖުމްލަ އިނާމު 30000 ރުފިޔާއަށް އަރާއިރު، އިނާމުތައް ބެހުމަށް ހަމަޖެހިފައިވަނީ:
•ޗެމްޕިއަން: 12000 ރުފިޔާ
ރަނަރަޕް: 8000 ރުފިޔާ
3 ވަނަ: 4000 ރުފިޔާ
4 ވަނަ: 2000 ރުފިޔާ
5 ވަނަ، 6 ވަނަ، 7 ވަނަ އަދި 8 ވަނަ: ކޮންމެ ވަނައަކަށް 1000 ރުފިޔާ
ދިރާގުން ބުނީ މި މުބާރާތަށް ޝައުގުވެރިވާ ފަރާތްތަކުން https://esports.dhiraagu.com.mv/registration މެދުވެރިކޮށް 20 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 15 އަހަރުން މަތީގެ ދިވެހިންނަށް އެކަންޏެވެ. މުބާރާތުން ޖާގަ ހޯދުމަށް ވީހާވެސް އަވަހަކަށް ރަޖިސްޓްރީވުމަށް ދިރާގުން ވަނީ އިލްތިމާސްކޮށްފައެވެ.
އީއޭއެފްސީ 24 މިނީ ސީރީޒް 1 މުބާރާތަކީ ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތަފާތު ކުޅިވަރުތަކާއެކު މުޅި އަހަރަށް ބަހާލައިގެން ދިރާގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީސްޕޯޓްސް މުބާރާތްތަކުގެ ބައެކެވެ. އެގޮތުން މިދިޔަ މަހުގައި ދިރާގުން ވަނީ މީގެ އެންމެ ފުރަތަމަ މުބާރާތްކަމަށްވާ މޮބައިލް ލެޖެންޑްސް މިނީ ސީރީޒް 1 ބާއްވާފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ގޭމަރުންގެ ފަރާތުންވަނީ މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައެވެ.
ދިރާގުގެ މަގްސަދަކީ ރާއްޖޭގެ އީސްޕޯޓްސް އިތުރަށް ތަރައްގީކޮށް ކުރިއަރުވާ، ދިވެހި އީސްޕޯޓްސް އިތުރު ހަރުފަތަކަށް ގެންދިއުމަށް ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއާ ގުޅިގެން މަސައްކަތް ކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް