އުރީދޫއާއި އަމާނާ ތަކަފުލް ގުޅިގެން އެމް-ފައިސާ ޑިޖިޓަލް ޓްރެވަލް އިންސުއަރެންސް ތައާރަފްކޮށްފި

އުރީދޫ މޯލްޑިވްސްއާއި އަމާނާ ތަކާފުލް ގުޅިގެން އެމް-ފައިސާ ޑިޖިޓަލް ޓްރެވަލް އިންސުއަރެންސް ތައާރަފްކޮށްފިއެވެ. އެމް ފައިސާ ޓްރެވަލް އިންޝުއަރެންސް އަކީ ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކަށް ހ...

15 Feb 2024 | 09:34

އުރީދޫ މޯލްޑިވްސްއާއި އަމާނާ ތަކާފުލް ގުޅިގެން އެމް-ފައިސާ ޑިޖިޓަލް ޓްރެވަލް އިންސުއަރެންސް ތައާރަފްކޮށްފިއެވެ.

އެމް ފައިސާ ޓްރެވަލް އިންޝުއަރެންސް އަކީ ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކަށް ހާއްސަކޮށްގެން ފޯރުކޮށްދޭ ޓްރެވަލް އިންޝުއަރެންސް ޕެކޭޖެކެވެ. ދަތުރުގައި ދިމާވާ އެކިއެކި ހާދިސާތަކުން ލިބޭ މާލީ ގެއްލުން ތަކަށް މި ޕެކޭޖުން ބަދަލު ފޯރުކޮށްދެވޭނެ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ. މިޕެކޭޖު ފަރުމާކޮށްފައިވަނީ ފަސޭހަކަމާއެކު އެމްފައިސާ މެދުވެރިކޮށް އިންޝުއަރަންސް ނެގޭނެ ގޮތަށެވެ.

މިގޮތުން މިޕެކޭޖުން ބަދަލު ފޯރުކޮށްދޭ ކަންކަމުގެ ތެރޭގައި ދަތުރުމަތީގައި ދިމާވި އެކްސިޑެންޓެއްގައި ނިޔާވުން ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެނަމަ 771،000 ރުފިޔާއާއި ހަމައަށް ބަދަލު ފޯރުކޮށްދެވޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ. މީގެ އިތުރުން ކުއްލިހާލަތްތަކުގައި (އެކްސިޑެންޓް އަދި އެމަޖެންސީ ހާލަތުގައި) ބޭސްފަރުވާގެ ހަރަދުތައް 1،542،000 ރުފިޔާއާއި ހަމައަށް ބަދަލު ފޯރުކޮށްދެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

މީގެ އިތުރުން ބަދަލު ފޯރުކޮށްދޭ އިތުރު ކަންކަމުގެ ތެރޭގައި، މެދުވެރިވި ހާލަތެއްގެ ސަބަބުން ދަތުރު ކެންސަލް ކޮށްލަން ޖެހުން ނުވަތަ ދަތުރު ކުރުކޮށްލާފައި އަންނަން ޖެހިއްޖެ ހާލަތެއްގައިވެސް ބަދަލު ފޯރުކޮށްދެވޭނެ އުސޫލުތަކެއް ހިމެނިފައިވާކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ. އަދި، ފްލައިޓަށް އެރުވި ދަބަސް ގެއްލުން ނުވަތަ ޕާސްޕޯޓް ގެއްލުންފަދަ ހާލަތްތަކުގައިވެސް ބަދަލު ފޯރުކޮށްދިނުމާއި، ފުރަން އޮތް ފްލައިޓަށް ދިމާވި ކަމެއްގެ ސަބަބުން ދަތުރު ކުރެވޭގޮތް ނުވުން ނުވަތަ ފުރަން އޮތް ފްލައިޓް ފުރުން 12 ގަޑިއިރަށް ވުރެ ލަސްވެއްޖެ ނަމަ ބަދަލުދެވޭ އުސޫލުތަކެއް ވެސް ހިމަނާފައިވާކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ.

އުރީދޫ އިން ބުނީ މި ޓްރެވަލް އިންޝުއަރެންސް ޕެކޭޖުގައި އޭޝިއާ ބައްރުގެ ގައުމުތަކަށް ދަތުރު ކުރުމަށް ހާއްސަ އެންމެ އަގުހެޔޮ އޭޝިޔާ ޕެކޭޖް ލިބެން ހުންނާނެ ކަމަށެވެ. މީގެ އިތުރުން އެމެރިކާ ނުވަތަ ކެނެޑާއަށް ދަތުރު ކުރައްވާ ބޭފުޅުންނަށް ހާއްސަ ޕެކޭޖެއްވެސް ލިބެން ހުންނާނެ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ.

އެމް ފައިސާ ޓްރެވަލް އިންޝުއަރެންސް އަކީ މިވަގުތު މާކެޓްގައި ލިބެން ހުރި އެންމެ އަގުހެޔޮ ޓްރެވަލް އިންޝުއަރެންސް ޕެކޭޖަށް ވާއިރު، މި ޕެކޭޖުގެ އަގު ކަނޑައެޅިގެންދަނީ ނަގާ މުއްދަތަކަށާއި ދަތުރު ކުރާ ގައުމަކަށެވެ. އެގޮތުން އޭޝިއާ ބައްރުގެ ގައުމަކަށް 14 ދުވަހުގެ މުއްދަތަކަށް ދަތުރު ކުރާނަމަ ދައްކަން ޖެހޭނީ އެންމެ 117 ރުފިޔާއެވެ.

މި ޓްރެވަލް ޕެކޭޖާއި ގުޅޭ ގޮތުން އަމާނާ ތަކަފުލްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ރިޔާޒު ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ސަބަބުން އިންޝުއަރެންސް ދާއިރާއަށް ގިނަ ފުރުސަތުތަކެއް ހުޅުވި، ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތަކެއް ހުޅުވެމުންދާ ކަމަށެވެ.

"ކަމެއްގެ ހައްލު ތިލަކޮށް ނުދެވެންޏާ މީހުނަށް އެމީހުން ބޭނުންވާ އެއްޗެއް ނޭނގޭ. އުރީދޫ ފަދަ ރައްޔިތުން އިތުބާރުކުރާ ކުންފުންޏަކާއި އަމާނާ ތަކަފުލް ގުޅިގެން އުރީދޫގެ ކަސްޓަމަރުންނަށް ފުރިހަމަ ޓްރެވަލް އިންޝުއަރަންސެއް، ޖީބަށް ކަތާވަރުގެ އަގެއްގައި، އުރީދޫގެ އެމް-ފައިސާ ފަދަ ޕްލެޓްފޯމަކުން ލިބެންހުރުމަކީ މިފަދަ ޕްރަޑަކްޓެއް ބަލައިގަތުމަށް ފަސޭހަވެގެންދާނެ ކަމެއް." ރިޔާޒު ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒު ވިދާޅުވީ އަމާނަ ތަކަފުލްއާއެކު ލޯންޗުކުރެވިގެން މިދިޔައީ އެމް-ފައިސާ އަށް ޚާއްސަ ޑިޖިޓަލް އިންޝުއަރަންސް ޙިދުމަތެއް ކަމަށާއި އަމާނާ ތަކަފުލް އާއެކު އިތުރު ޑިޖިޓަލް އިންޝުއަރަންސް ޕްލޭންތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އުރީދޫ އިން ބުނީ 65 އަހަރުން ދަށުގެ ކޮންމެ ކަސްޓަމަރަކަށްވެސް މިޕެކޭޖް 14 ދުވަހުގެ މުއްދަތަކަށް ނުވަތަ 35 ދުވަހުގެ މުއްދަތަކަށް ނަގާލެވޭނެ ކަމަށެވެ. އަދި އެއްކޮށް ދަތުރު ކުރާ ފަރާތްތަކުން ވަކި ވަކި ޕެކޭޖު ނެގުމުގެ ބަދަލުގައި އެއް ޕެކޭޖުގައި ހުރިހާ ފަރާތްތައް ހިމެނުމުގެ ފަސޭހަކަންވެސް ލިބިގެންދާނެ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ.

މިޕެކޭޖުން ބަދަލު ހޯދުމަށްޓަކައި އެކްސިޑެންޓެއް ދިމާވުމުން ވީހާވެސް އަވަހަކަށް އަމާނަ ތަކަފުލް މޯލްޑިވްސް އާއި ހިއްސާ ކުރުމަށްފަހު ހަރަދުވި ބިލްތައް ހުށައެޅުމުން ބަދަލު ފޯރުކޯށްދެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް