ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލުއި ލޯނާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގ ވަގުތުން އެޕްރޫވްކޮށްދޭން ނިންމައިފިއެވެ. މިއީ ދިވެހިރާއްޖޭގައި ލޯނާއި ފައިނޭންސް މިގޮތަށް އެޕްރޫވްކޮށްދޭ ފުރަތަމަ ފަހަރެވެ.
ބީއެމްއެލް އިން ބުނީ މި ބަދަލާއެކު ޝަރުތުހަމަވާ ކަސްޓަމަރުންނަށް އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ލޯނާއި ފައިނޭންސިންގ ލިބޭ އަދަދު ފެންނާނެ ކަމަށެވެ. އަދި އޮންލައިންކޮށް ހުށަހަޅެމުން ލޯނު އެޕްރޫވްކޮށް 4 ގަޑިއިރުތެރޭ އެކައުންޓަށް ފައިސާ ޖަމާކޮށްދޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ދިނުމަކީ އެ ކުންފުނީގެ ސްޓްރެޓެޖީގެ މުހިންމު އެއް ބައި ކަމަށެވެ. އެގޮތުން ކަސްޓަމަރުން ބޭނުންވާފަދަ ރަނގަޅު ހިދުމަތް ދިނުމަށް ޕްރޮސެސްތަކަށް ބަދަލުގެނެސް ސިސްޓަމަތަކަށް މުހިންމު ބަދަލުތަކެއް ގެންނަމުން އަންނަ ކަމަށް ކާރލް ވިދާޅުވިއެވެ.
"މިއަދު މި ގެނެވުނު ބަދަލާއެކު ލުއި ލޯނާއި ޕާސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅުމުން ވަގުތުން އެޕްރޫވްކޮށްލެވޭނެ. އެހެން ކަމުން ޕްރޮސެސްކުރުމަށް ހޭދަވާ ވަގުތު މިވަނީ 5 ދުވަހުން މަދު މިނިޓްކޮޅަކަށް ކުޑަކުރެވިފައި." ކާރލް ވިދާޅުވިއެވެ.
ބީއެމްއެލް އިން ބުނީ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ފެންނަ އަދަދަކީ ބޭންކުގެ ކްރެޑިޓް އިވެލުއޭޝަނަށް ފަހު ކަނޑައަޅާފައިވާ އަދަދެއް ކަމަށެވެ. ކަސްޓަމަރުންނަށް ކްރެޑިޓްލިމިޓުގެ ގޮތުގައި ފެންނަ ޖުމްލަ އަދަދާ ހަމަޔަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭއިރު، މި ފައިނޭންސިންގ ތަކުގެ ރޭޓަކީ %15 ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ. އަދި ފައިނޭންސިންގ އަށް އަނބުރާ ފައިސާ ދެއްކުމަށް 5 އަހަރު ލިބޭ ގޮތަށް ވެސް ބީއެމްއެލް އިން ވަނީ ހަމަޖައްސާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް