ބޭރު މީހުންނަށް ތިލަފުށިން ބިން ވިއްކުމާއި ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބާއްވަން ހަމަ ޖެއްސި މުޒާހަރާ ފަސްކޮށްފި އެވެ.
މި މުޒާހަރާ ކުރިން ބާއްވާ ގޮތަށް ހަމަޖައްސާފައި އޮތީ މިމަހުގެ 17 ވާ ހުކުރު ދުވަހު އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބުނީ މިހާރު މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށެވެ. މި މުޒާހަރާ ކުރަން ނިންމީ ގާނޫނު އަސާސީ އާއި ހިލާފަށް ރާއްޖެއިން ބިން ވިއްކަން މަސައްކަތް ކުރާތީ ކަމަށް ބުނެފައިވެ އެވެ.
އެކަމަކު މުޒާހަރާ ފަސް ކުރަން ނިންމި ސަބަބު ހާމައެއް ނުކުރެ އެވެ.
ތިލަފުށިން ސިނާއީ ބޭނުމަށް ބޭރު މީހުންނަށް 99 އަހަރަށް ބިން ވިއްކަން ހުޅުވާލި މައްސަލައިގަ ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންވެސް ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. ހިތްހަމަ ނުޖެހުން ތަކާއި ގުޅިގެން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ބިދޭސީންނަށް ވިއްކާނީ ހުޅުވާލާފައިވާ ބިންތަކުގެ އެއް ޕަސެންޓު ކަމަށެވެ.
އެޗްޑީސީން ހުޅުވާލާފައިވަނީ ތިލަފުށީ ދެވަނަ ފިޔަވަހިން 50 ބިން ވިއްކާށެވެ. އެޗްޑީސީން ބުނީ މިހާރު ކަނޑައަޅާފައިވާ މިންވަރުން ދިވެހި ވިޔަފާރިތަކަށް ހާއްސަ ކުރެވިފައިވާ ވިޔަފާރިތައް ކަމުގައިވާ މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ މަސައްކަތްތަކަށް ބޭރުގެ ވިޔަފާރިތަކުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް