ފިލްމީ ތަރި އާމިނަތު ރިޝްފާގެ ފޯނުގައި ހުރި ފޮޓޯތަކެއް ލީކު ކުރި ކަމަށް ކުރި ތުހުމަތު ފުލުހުން ދޮގުކޮށްފި އެވެ.
ރިޝްފާ މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލައެއްްގައި މީގެ ދެ މަހެއްހާ ދުވަސް ކުރިން ހައްޔަރު ކުރި އެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ތަހުގީގަށް ފުލުހުންނަށް ދިން ކަމަށް ރިޝްފާ ބުނެފައިވެ އެވެ.
ރިޝްފާ އިއްޔެ ބުނީ އެ ފަހަރު ފޯނުގެ ޕާސްވޯޑު ދިނީ އިތުރުބާރު ކުރުމަށް ފަހު ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން، ފުލުހުންގެ ތިން އޮފިސަރަކަށް ކަމަށެވެ. ރިޝްފާ ބުނި ގޮތުގައި އޭނާގެ ފޯނުގެ ޕާސްވޯޑު އެހެން މީހަކަށް ނޭނގޭނެ ކަމުގެ ސަތޭކަ ޕަސެންޓު ޔަގީންކަން އެބައޮތެވެ.
އެހެންކަމުން މީގެ ދެތިން ދުވަސް ކުރިން ސޯޝަލް މީޑިއާގައި އާންމުވި އޭނާގެ ޒާތީ ފޮޓޯތައް ލީކުކޮށްލީ ފުލުހުން ކަމަށް ބުނެވެން އެބައޮތް ކަމަށާއި އެ ފޮޓޯތައް ލީކުރީ އެ ފުލުހުންގެ ބައިވެރިވުމާއި އެކު ކަމަށް ބުންޏެވެ. ރިޝްފާ ބުނީ އޭނާ ބެލިބެލުމުން އެނގުނު ގޮތުގައި އެމީހުންގެ ބައިވެރިވުމާއި އެކު ޓެލެގްރާމް ގްރޫޕަށް ފޮޓޯތައް ހުރީ ވިއްކާފައި އެވެ.
ރިޝްފާގެ މި ތުހުމަތުތަކާއި ގުޅިގެން މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ހެކީގެ ގޮތުގައި ގެންދެވޭ ތަކެތި ގެންގުޅުމާއި ބެލެހެއްޓުމުގައި ޢަމަލުކުރަނީ ގާނޫނުގައިވާ ގޮތުގެ މަތިން އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށެވެ. ފޮރެންސިކްގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކެއްގައި ހުންނަ އެއްވެސް މައުލޫމާތެއް ލީކު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ފުލުހުންގެ ހިދުމަތަށް އޮންނަ ކަމަށް ވިދާޅުވި އެވެ.
އަދި ފޮރެންސިކް ލެބޯރަޓަރީގެ މަސައްކަތްތައް ތަރުތީބުކުރެވިފައި ހުންނާނީ ޕްރައިވެސީ ރައްކާތެރިކޮށްދެވޭ ގޮތަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ރިޝްފާ ދަނީ އޭނާގެ ފޮޓޯ ފުލުހުންގެ އަތުން ލީކުވި ކަމަށްބުނެ އެ މައްސަލަ ބެލުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން ތައްޔާރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް