އަމީނީ މަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓްގައި އެންމެ ރެއަކުން ތިން ސެގްމެންޓްގައި ތާރު އަޅާ ނިންމާލައިފިއެވެ.
އަމީނީ މަގު ތާރު އަޅަންފެށޭވަރަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ފައްކާކޮށްފައިވާ ތިން ސެގްމެންޓުގައި އެމްޓީސީސީން ތާރު އަޅަން ފެށީ ރޭގެ 08:30 ހާއިރުގައެވެ. އިރު އެރި އިރު އެ ތިން ސެގްމަންޓުގައި އެމްޓީސީސީން ވަނީ ތާރު އަޅާ ނިންމާލާފައެވެ.
މިހާރު ތާރު އަޅާފައިއެވަނީ ސްޓެލްކޯއާއި ހަމައިން ފެށިގެން ބޮޑުތަކުރުފާނު މަގާއި ހަމައަށެވެ.
https://twitter.com/dhuvasmv/status/1625692990667907073
އަމީނީ މަގުގެ މަސައްކަތް ދިގުލައި ތާރު ނާޅާ މައްސަލައިގަ ސަރުކާރަށް ވަރަށް ބޮޑަސް ފަޑުކިޔުން އަމާޒުވެފައި ވަނިކޮށް އެ މަސައްކަތް އަވަސް ކުރުމަށް ތާރު އަޅަން އެމްޓީސީސީ އާއި ހަވާލު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެމްޓީސީސީން އެ މަސައްކަތް ކުރުމުން ދޭން ޖެހޭ ފައިސާ ހަމަޖައްސާނީ އާރުޑީސީން ކަމަށެވެ. އަދި އެމްޓީސީސީން ތާރު އަޅާނީ މިހާރު މަސައްކަތް ނިމިފައި އޮތް ހިސާބު ކަމަށްވާ މާލޭ ހިޔާ ފްލެޓުތަކާއި ހިސާބަށް ކަމަށް ބުނެފައިވެ އެވެ.
އެ ކުންފުންޏާއި ތާރު އެޅުމުގެ މަސައްކަތް ހަވާލު ކުރީ އާރުޑީސީން އެކަމަށް ރާއްޖެ ގެނައި އާލާތްތައް މާލޭގައި ބެހެއްޓޭނެ ޖާގަ ހަމަ ނުޖެހި ލަސްވާތީ އެވެ. އެ ޖާގަ ހަމަޖެހުމުން އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރާނީ އާރުޑީސީން ކަމަށް ބުންޏެވެ.
މިއީ 84 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. މަސައްކަތް އެއްކޮށް ނިންމަން ޖެހެނީ 210 ދުވަހުގެ ތެރޭގައި އެވެ.
މަޝްރޫއު ނިމޭއިރު މުޅި އަމީނީ މަގުގެ 1.7 ކިލޯ މީޓަރުގައި ތާރުއަޅާނެއެވެ. އަދި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.
13 ސެގްމެންޓަކަށް ބަހާލައިގެން ކުރަމުންދާ އަމީނީ މަަގުގެ މަސައްކަތް މިހާރު ނިމޭނެ ކަމަށް ބުނަނީ މިއަހަރުގެ ސެޕްޓެމްބަރު މަހަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް