ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16: ފުރަތަމަ ލެގުގައި ބަޔާންއިން ޕީއެސްޖީ ބަލިކުރިއިރު، ޓޮޓެންހަމް އަތުން މިލާން އަށް މޮޅެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގައި ރޭ ޕީއެސްޖީއާއި ދެކޮޅަށް ކުޅުނު މެޗުން ބަޔާން މިޔުނިކް މޮޅުވިއިރު، ޓޮޓެންހަމްއާއި ދެކޮޅަށް ކުޅުނު މެޗުން އޭސީ މިލާނުން ކާމިޔާބު ކޮށްފިއ...

15 Feb 2023 | 02:24

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގައި ރޭ ޕީއެސްޖީއާއި ދެކޮޅަށް ކުޅުނު މެޗުން ބަޔާން މިޔުނިކް މޮޅުވިއިރު، ޓޮޓެންހަމްއާއި ދެކޮޅަށް ކުޅުނު މެޗުން އޭސީ މިލާނުން ކާމިޔާބު ކޮށްފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ބަޔާން އަތުން ޕީއެސްޖީ ބަލިވީ 0-1 ގެ ނަތީޖާއިންނެވެ. އަދި އަމިއްލަ ދަނޑުގައި މިލާން ޓޮޓެންހަމް އަތުން މޮޅުވީ 0-1 އިންނެވެ.

ޕީއެސްޖީ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ބަޔާންއިން ރަނގަޅަށް ކުޅުނުއިރުު،، ބަޔާން އިން ވަނީ ހަމަލާތަކެއް ވެސް އުފައްދާ ޕީއެސްޖީގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް ބަޔާން އިން އުފެއްދި އެ ހަމަލާތަކުގެ ބޭނުމެއް ނުހިފުނެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެންނެވެ.

މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ބަޔާނުން ޖެހީ ފަހުހާފަށް ކުޅެން އަރާ މެޗުގެ 53 ވަނަ މިނިޓްގައެވެ. ބަޔާންއަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ކިންގްސްލީ ކޯމަން އެވެ. މިއީ އަލްފަންސޯ ޑޭވިސް ނެގި ހުރަހަކުން އޭރިއާތެރެއިން ކޯމަން އެއް ފަހަރުން ގޯލަށް ފޮނުވާލައިގެން އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ޕީއެސްޖީން ލަނޑެއް ޖެހިއެވެ. ފަހުހާފަށް ކުޅެން އެރި އެމްބާޕޭ ޖެހި މި ލަނޑު ބަލައިނުގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު، އޮފްސަައިޑްވުމުންނެވެ.

ރޭ މިލާން އަދި ޓޮޓެންހަމް ބައްދަލުކުރި މެޗުގައި މިލާނަށް މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ މެޗުގެ ހަތް ވަނަ މިނިޓްގައި ބްރާހިމް ޑިއާޒް އެވެ. ޓޮޓެންހަމްގެ ޕެނަލްޓީ އޭރިއާތެެރެއިން ޑިއާޒް ފޮނުވާލި ބޯޅަ ޓޮޓެންހަމްގެ ކީޕަރު ފްރޭޒާ ފޮސްޓާ އަތުގައި ޖެހިފައި ބޯޅަ ވެއްޓުނު ވަގުތު ޑިއާޒް ވަނީ ދެވަނަ ފަހަރަށް ޖަހާ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.

މި ނަތީޖާތަކާ އެކު ޕީއެސްޖީ އާއި މިލާނަށް ކުއާޓާގެ އުންމީދު ވަނީ ބޮޑުވެފައެވެ. ދެ ވަނަ ލެގުގެ މެޗުން އެއްވަރުކޮށްލައިގެން ވެސް މި ދެޓީމަށް ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ މަހުގެ އަށްވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް