މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކުލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ސައުދީ އަރަބިއާގައި ބޭއްވުމަށް ނިންމައިފިއެވެ.
ސައުދީގައި މި އަހަރު ކުލަބް ވޯލްޑް ބާއްވަން ނިންމިކަން އިއުލާން ކޮށްފައިވަނީ މިދިޔަ އަނަގާރަ ދުވަހު ފީފާއިން ބޭއްވި އެ އިދަރާގެ ކައުންސިލް ބައްދަލުވުމަކަށް ފަހުގައެވެ. މިއީ ސައުދީގައި މިފަދަ ބޮޑު ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.
މި އަހަރުގެ މުބާރާތް ސައުދީގައި ބާއްވަން ނިންމިކަން އިއުލާން ކުރަމުން ސައުދީގެ ސްޕޯޓްސް މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ތުރުކީ އަލް ފައިސަލް، ވިދާޅުވީ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކްލަބުތަކަށާއި އެ ކްލަބުތަކުގެ ސަޕޯޓަރުންނަށް ސައުދީ އަރަބިއްޔާއަށް މަރުހަބާ ކިޔުމުގެ ފުރުސަތު ލިބުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. އަދި މި މުބާރާތް ސައުދީގައި ބާޢްވަން ނިންމުމަކީ ސައުދީ އަކީވެސް ދުނިޔޭގެ ފެންވަރުގެ ބޮޑެތި މުބާރާތް ބޭއްވުމަށް އެންމެ އެކަށީގެންވާ ގައުމެއްކަން ދުނިޔެއަށް ސާބިތުކޮށްދިނުމެއް ކަމަށެވެ.
އަދި މިއީ ދުނިޔޭގެ ފުޓްބޯޅައިގައި އިތުރު ކުރިއެރުންތަކެއް ހޯދުމަށް ކުރާ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާ އަދި ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށް ސައުދީގެ ސްޕޯޓްސް މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ތުރުކީ އަލް ފައިސަލް، ވިދާޅުވިއެވެ.
ޕްރިންސް އަބްދުލްއަޒީޒް އިތުރަށް ވިދާޅުވީ ފުޓްބޯޅައަކީ ސައުދީ އަރަބިއްޔާގެ ރައްޔިތުން ވަރަށް ލޯބިވާ ގައުމީ ކުޅިވަރެއް ކަމަށާއި، ސައުދީގެ އާބާދީގެ %80 މީހުން ކުޅޭ ކުޅިވަރަކީ ފުޓްބޯޅަ ކަމަށެވެ.
މި އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ސައުދީ އަރަބިއާގައި ބާއްވަން ނިންމި މި މުބާރާތަކީ މީގެ 20 ވަނަ އެޑިޝަނެވެ.
މިއީ 2000 ވަނަ އަހަރުން ފެށިގެން ފީފާއިން ބާއްވަމުން އަންނަ މުބާރާތެކެވެ. 2000 ވަނަ އހަރު ބޭއްވި މި މުބާރާތަށް ފަހު ޖެހިގެން އައި ހަތަރު އަހަރު ފައިސާގެ ދަތިކަމާއި ހުރެ ފީފާއިން މި މުބާރާތް ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ. ނަމަވެސް އޭގެ ފަހުން 2005 ވަނަ އަހަރުން ފެށިގެން ފީފާއިން އަންނަނީ ޤަވައިދުން މި މުބާރާތް ބާއްވަމުންނެވެ.
ސަައުދީގައި ބާއްވާ މި މުބާރާތުގައި ވެސް ވާދަކުރާނީ ދުނިޔޭގެ ހަ ބައްރަކުން ޖުމުލަ ހަތް ޓީމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް