ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަހުމަދު ނިހާން ހުސެއިންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަން ބާއްވަން ތާވަލުކޮށްފިއެވެ.
އޭނާގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ތިން ދައުވާ އަކާއި، ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާ އަކާއި، މަނީ ލޯންޑަރިންގެ ދައުވާއެކެވެ. މާދަމާގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ނިހާން ހުންނެވި އިރު، މަގާމުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ ބާރުގެ ދަށުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އެދި، އަދި އެ ރިޝްވަތުގައި ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 13 ވަނަ ދުވަހު ވެސް މި މައްސަލައިގެ އަޑުއެހުމެއް ކޯޓުން ތާވަލުކޮށް ވަނީ ކެންސަލްކޮށްފައެވެ.
މި މައްސަލައިގައި އޭނާ ކުށް ކޮށްގެން ހޯދިކަމަށް ބުނާ މުދާ ދައުލަތަށް ނަގަން ވަނީ އެދިފައެވެ. އެގޮތުން ފައިސާގެ އިތުރުން ނިހާނުގެ ރޮލެކްސް ގަޑިވެސް ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވެއެވެ.
ޝަރީއަތުގައި މި ދައުވާތައް ސާބިތުވެއްޖެނަމަ އެންމެ މަދުވެގެން 36 އަހަރުގެ ޖަލު ހުކުމެއް ނިހާންގެ މައްޗަށް އަންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް