ވ. އާރަށުގެ މައްސަލައިގާ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުމެއް މާދަމާ ހެނދުނު

ވ. އާރަށުގެ މައްސަލައިގާ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުމެއް މާދަމާ ހެނދުނު ބާއްވަން ތާވަލުކޮށްފިއެވެ. ކްރިމިނަލް ކޯޓުން މި ޝަރީއަތް މާދަމާ ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 09:30 އަށެވެ. ރައީސް ...

15 Feb 2022 | 18:08

ވ. އާރަށުގެ މައްސަލައިގާ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުމެއް މާދަމާ ހެނދުނު ބާއްވަން ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި ޝަރީއަތް މާދަމާ ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 09:30 އަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.

މި މައްސަލައިގާ އެމަނިކުފާނުގެ ޝަރީއަތްތައް ލައިވްކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާރްޕުޅުން ވަނީ އެދިވަޑައިގެންފައެވެ. މި މައްސަލއިގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި، އިސް ގާޟީ އަހުމަދު ޝަކީލް ވަނީ އަޑުއެހުންތައް ލައިވްކުރަން ފުރުސަތު ދެވޭނީ ކްރިމިނަލް ކޯޓުގެ ގާޟީންގެ މަޖިލީހުން އެގޮތަށް ނިންމުމުން ކަމަށް ވިދާޅުވެފައެވެ.

މީގެކުރިން ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތް ލައިވްކުރަން މީޑިތާކަށް ހުޅުވާލި ފުރުސަތެއްގެ އިއުލާނެއް ފާހަގަކުރައްވައި، އޭރު އެފުރުސަތު ހުޅުވާލީ އެމައްސަލައަކީ ދައުލަތުގެ ފައިސާއާއި ގުޅުން ހުރި މައްސަލައަކަށް ވުމުންނާއި އާންމު ގިނަ ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލައަކަށް ވާތީ ކަމަށާއި، މިހާރު ހިނގަމުންދާ ޝަރީއަތަކީ ވެސް އެފަދަ މައްސަލައަކަށް ވީހިނދު މިމައްސަލައިގެ އަޑުއެހުން ލައިވްކުރުމުގެ ފުރުސަތު މީޑިއާތަކަށް ދެއްވުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ރައީސް ޔާމީންގެ އިތުރުން، ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ދައުވާ ކުރުމަށް ވެސް ޕީޖީން ވަނީ ފޮނުވާފައެވެ.

އޭނާގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ކުރާއިރު، އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ފުލުހުން މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލް އަށް ފޮނުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ.

ޕީޖީގެ އޮފީހުން މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ފާއިތުވި ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް