ހަނގުރާމައެއް ފަށާފާނެ ކަމުގެ ބިރު ހީވެފައިވާ ޔޫކްރެއިން އާއި ރަޝިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ތިބި ރަޝިއާ ސިފައިންގެ ތެރެއިން ބައެއް މީހުން އަނބުރާ ގެންދަން ފަށައިފި އެވެ.
ރަޝިއާ ސިފައިން ބޯޑަރު ސަރަހައްދުން ގެންދަން ފަށާފައި މިވަނީ މިއަދު ޔޫކްރެއިންއަށް ހަމަލާދޭން ފަށާނެ ކަމަށް ބެލެވިފައި ވަނިކޮށެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ އަނބުރާ ސިފައިން ގެންދަނީ އެމީހުންގެ ބޭސްއަށް ކަމަށެވެ. އަދި ބޯޑަރު ސަރަހައްދަށް ސިފައިން ޖަމާކުރީ އަސްކަރީ ތަމްރީންތަކަކަށް ކަމަށާއި އެ ތަމްރީންތައް އަދިވެސް ނިމުމަކަށް އައިސްފައި ނުވާ ކަމަށެވެ.
ދެގައުމުގެ ދެމެދުގައި މަޝްރަހު ހޫނުވެ ރަޝިއާއިން ޔޫކްރެއިންއަށް ކޮންމެ ވަގުތެއްގައިވެސް ހަމަލާދޭން ފަށާފާނެ ކަމަށް ބެލެވުނު ނަމަވެސް ރަޝިއާއިން އެކަމަށް އެއްބަސްވެފައެއް ނުވެ އެވެ. އެކަމަކު ބޯޑަރު ސަރަހައްދަށް އެއްލައްކަ ރަޝިއާ ސިފައިން ޖަމާކުރުން ބައިނަލްއަގުވާމީ މުޖުތަމައު ގަބޫލު ކުރީ ހަނގުރާމައެއްގެ ފެށުމުގެ ގޮތުގައި އެވެ.
ރަޝިއާގެ މި ނިންމުމާއި ގުޅިގެން ނޭޓޯއިން ބުނެފައިވަނީ މަޝްރަހަށް ކޮންމެސް ވަރެއްގެ ފިނި ކަމެއް ލިބިގެންދާނެ ކަމަށެވެ. އެކަމަކު މިއީ ރަޝިއާއިން ހަތިޔާރު ބަހައްޓައި ޔޫކްރެއިންއަށް ހަމަލާ ނުދޭނެ ކަމުގެ ހެއްކެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް