ޗެމްޕިއަންސް ލީގު ގަދަ 16: ޕީއެސްޖީ - ރެއާލް މެޑްރިޑް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ މެޗުތަކުގެ ކުޅުން މިރޭ ފަށާނެވެ. އެގޮތުން ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި މިރޭ ފްރާންސްގެ ޕީއެސްޖީ އަދި ސްޕެއިންގެ ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗ...

15 Feb 2022 | 15:34

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ މެޗުތަކުގެ ކުޅުން މިރޭ ފަށާނެވެ. އެގޮތުން ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި މިރޭ ފްރާންސްގެ ޕީއެސްޖީ އަދި ސްޕެއިންގެ ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗަކީ ފުޓްބޯޅަ އަށް ލޯބިކުރާ ގިނަ ބަޔަކަށް ވަރަށް ޚާއްސަ މެޗަކަށް ވެގެން ދާނެވެ.

ގިނަ ބަޔަކަށް މިރޭގެ މި މެޗު ޚާއްސަވާ ގިނަ ސަބަބުތަކެއްވެސް އެބަ ހުއްޓެވެ. މިރޭގެ މި މެޗު ޚާއްސަ ވާ އެއްމެ ބޮޑު އެއް ސަބަބަކީ ދެ ޓީމުގައިވެސް ހިމެނޭ ހުނަރުވެރި އާދަޔާ ޚިލާފު ތަރިންނެވެ. އެގޮތުން ގިނަ ބަޔަކު މި މެޗު ސިފަ ކުރަނީ ގިނަ ތަރިންތަކެއްގެ މެދުގައި ކުރެވޭ ވަރުގަދަ ހަނގުރާމައެއްގެ ގޮތުގައެވެ. އެގޮތުން ރެއާލް މެޑްރިޑަށް ބަލާލި ނަމަވެސް އަދި ޕީއެސްޖީ އަށް ބަލާލި ނަމަވެސް މަޝްޙޫރު ގިނަ ތަރިންތަކެއް އެބަތިއްބެވެ.

ޕީއެސްޖީއަށް ބަލާއިރު، ލިއޮނެލް މެސީ، ނޭމާ، ކީލިއަން އެމްބާޕޭ، ޑިމަރިއާ، ވިނެލްޑަމް ފަދަ ތަރިން ފާހަގަ ކޮށްލެވެއެވެ. ރެއާލް މެޑްރިޑަށް ބަލާއިރު، ކަރީމް ބެންޒެމާ، ލުކަ މޮޑްރިޗް، ވިނީސަސް ޖޫނިއަ، ޓޯނީ ކުރޫޒް އަދި އެޑެން ހަޒާޑް ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

ރެއާލް މެޑްރިޑް އަދި ޕީއެސްޖީއަށް ބަލާއިރު، މި ދެޓީމު މީގެ ކުރިން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ހަ ފަހަރު ބައްދަލުކޮށްފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ ބައްދަލުކޮށް ފައިވަނީ 2016  ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު މުބާރާތުގެ ގުރޫޕް ސްޓޭޖުގައިއެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު 0-1  ގެ ނަތީޖާއިން ކާމިޔާބު ކުރީ ރެއާލް މެޑްރިޑެވެ.

އޭގެ ފަހުން 2018 ވަނަ އަހަރު މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި މި ދެޓީމު ބައްދަލުކުރިއެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު 1-3 ގެ ނަތީޖާއިން ކާމިޔާބު ކުރީ ރެއާލް މެޑްރިޑެވެ. ދެވަނަ ލެގުން ވެސް 1-2 ގެ ނަތީޖާއިން ކުރި ހޯދާފައިވަނީ ރެއާލް މެޑްރިޑުންނެވެ.

އޭގެ ފަހުން 2020 ވަނަ އަހަރު މި ދެޓީމު މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ބައްދަލުކުރިއެވެ. ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު 0-3 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޕީއެސްޖީއެވެ. ހަމަ އެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ ލެގުގެ މެޗު 2-2 ގެ ނަތީޖާއިން ވަނީ އެއްވަރުވެފައެވެ.

މިރޭގެ މެޗަކީ މި ދެޓީމު މި ޗެމްޕިއަންސް ލީގުގެ ދެވަނަ ވުރުގައި ބައްދަލުކުރާ ދެވަނަ ފަހަރެވެ.

ރެއާލް މެޑްރިޑް ދެވަނަ ބުރަށް ދަތުރުކުރި ގޮތަށް ބަލާއިރު، އެޓީމު ދެވަނަ ބުރުން ޖާގަ ހޯދާފައިވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެ ދެ މެޗުން ބަލިވެ ޖުމްލަ 10 ޕޮއިންޓް ލިބިގެން އެޓީމު ހިމެނުނ ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ޕީއެސްޖީ ދެވަނަ ބުރަށް ދަތުރުކުރީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ ދެ މެޗުން ބަލިވެ ޖުމުލަ 12 ޕޮއިންޓު ހޯދައިގެން އެޓީމު ހިމެނުނު ގުރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލަ އެންމެ ބޮޑީ ޕީއެސްޖީ އަށެވެ. އެގޮތުން އެޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާއިރު، މިރޭގެ މެޗުގައި ނިމިގެން ދިޔަ ހޫނު މޫސުމުގައި ރެއާލް މެޑްރިޑު ދޫކޮށް ޕީއެސްޖީއާއި ގުޅުނު އިތުބާރު ޑިފެންޑަރ ސާޖިއޯ ރާމޯސް އަށް ނުކުޅެވޭނެ ކަން ވަނީ ކަށަވަރުވެފައެވެ. މީގެ އިތުރުން އެންޑްރޫ ހެރޭރާއަށް ވެސް އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ. ނަމަވެސް ކުރިން އަނިޔާގައި ހުރި އިތުބާރު ފޯވާޑް ނޭމާ އަނިޔާއިން ރަނގަޅުވެ ޓީމާއި ގުޅިފައިވާއިރު، މިރޭގެ މެޗުގައި ނޭމާ ހިމެނުމުގެ ފުރުސަތު ބޮޑެވެ.

ރޭއާލް އަށް ބަލާއިރު ކުރިން އަނިޔާގައި ހުރި ކަރީމް ބެންޒެމާ ވަނީ އަނިޔާއިން ރަނގަޅުވެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ. އެގޮތުން ކުލަބުން ބެންޒެމާ ފިޓް ކަމަށް ބުނެފައިވާއިރު، އޭނާ މިރޭގެ މެޗުގައި ފެނިގެން ދިއުން ގާތެވެ.

ރެއާލް މެޑްރިޑް އަދި ޕީއެސްޖީ ބައްދަލުކުރާ ދެވަަ ުރުގެ ފުރަތަމަ ލެގުގެ މެޗު ކުޅެން ހަމަޖެހިފައިވަނީ މިރޭ ރާއްޖޭ ގަޑިން 1:00 ގައެވެ. މި މެޗު ކުޅޭވޭނީ ޕީއެސްޖީ ގެ ދަނޑުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް