ދިވެހި ދަރިވަރުން ޔޫކްރެއިންގައި ތިބީ ރަޝިއާ ބޯޑަރު ސަރަހައްދުގައި، ބިރުވެރި ކަމެއްގައި

އޫކްރެއިންގައި މިވަގުތު ތިބި ދިވެހި ދަރިވަރުން ދިރިއުޅެމުން ދަނީ ރަޝިޔާ ބޯޑަރު ގުޅޭ ނުރައްކާތެރިކަން ބޮޑު ހިސާބެއްގައި ކަމަށް އެ ދަރިވަރުން ބުނެފި އެވެ. އެ ސަރަހައްދުގައި ތިބި ދިވެހި ދަރިވަރުން މިއަދު...

15 Feb 2022 | 14:47

އޫކްރެއިންގައި މިވަގުތު ތިބި ދިވެހި ދަރިވަރުން ދިރިއުޅެމުން ދަނީ ރަޝިޔާ ބޯޑަރު ގުޅޭ ނުރައްކާތެރިކަން ބޮޑު ހިސާބެއްގައި ކަމަށް އެ ދަރިވަރުން ބުނެފި އެވެ.

އެ ސަރަހައްދުގައި ތިބި ދިވެހި ދަރިވަރުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރަޝިއާއިން ޔޫކްރޭނަށް ހަމަލާ ދީފި ހާލަތެއްގައި އެންމެ ފުރަތަމަ އޭގެ އަސަރު ކުރާނެ މީހުންގެ ތެރޭގައި އެ ދަރިވަރުން ހިމެނޭނެ ކަމަށެވެ. ކޮންމެ ހަމަލާއަކުން ވެސް އެ މީހުންނަށް އަސަރުކުރާނެ ކަމުގެ ބިރު އެބައޮތްކަމަށް އެ ދަރިވަރުން ބުނެފައިވެއެވެ.

އެފަދަ ހާލަތެއްގައި އެ ގައުމުގެ ވައިގެ ބަނދަރުވެސް ބަންދުވާނެ ކަމަށާއި، ބޯޑަރު ބަންދުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ބުންޏެވެ. ބަޔާނުގައި ބުނީ ހާލަތު މިހިސާބަށް އައުމުގެ މާ ކުރިން މިކަންކަން ދިވެހި ސަރުކާރުގެ ސަމާލު ކަމަށް ގެންނަން މަސައްކަތް ކުރި ކަމަށެވެ.

އެކަމަކު އެ ތަނާ އެންމެ ކައިރީގައި ހުރި އެމްބަސީ ކަމަށްވާ ޖަރުމަނިވާލުގެ ބާލިންގައި ހުންނަ ދިވެހި އެމްބަސީގެ ނަންބަރު ވެސް ހޯދަން ޖެހުނީ އެ ދަރިވަރުން އަމިއްލައަށް ކަމުގައި އެ ބަޔާނުގައިވެއެވެ. އަދި އޭގެ ފަހުން އެމްބަސީން އެމަޖެންސީއެއްގައި ގުޅަން ހުރިހާ ކުދިން ހިމެނޭހެން ސޯޝަލް މީޑިއާގައި ގްރޫޕެއް ހެދި ކަމަށެވެ.

އޭގެ ފަހުން އެމްބަސީގެ ހަބަރެއް ނުވެ ހުރުމަށް ފަހު ގްރޫޕުގައި އެތަނުގެ ބޭފުޅަކު ވާހަކަ ދެއްކެވީ ގުރޫޕު ހެދިތާ ތިން ދުވަސް ވީ ފަހުން އެ ދަރިވަރުން ޔޫކްރެއިންގެ ހާލަތާ ގުޅޭ ޚަބަރުތައް ގުރޫޕަށް ލުމުން ކަމަށާއި އޭގެ ފަހުން އެ ކަންކަން ވަރަށް ގާތުން މޮނިޓާ ކުރަމުން އަންނަ ކަމަށް އެމްބަސީން ބުނި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނީ މީގެ ކުރިން އަމިއްލަ ހަރަދުގައިވެސް ޔޫކްރޭން ދޫކޮށް ދިއުމަށް ދަރިވަރުން ތިބީ ތައްޔާރަށް ކަމަށެވެ. އަދި ޔޫކްރޭން ދޫކޮށް ދިއުމުން، ކިޔަވައިދެވޭނެ ގޮތެއް ހަމަޖެއްސުމަށް ޔުނިވާާސިޓީގައި އެދުމަށް ސަރުކާރުގެ ފަރާޓުން އޮފިޝަލް ޑޮއިއުމަންޓަކަށް އެދުނު ކަމަށް ބުންޏެވެ.

ނަމަވެސް މިހާރު ޓިކެޓުގެ އަގުތައް އަތްނުފޯރާ ފަށަށް އުފުލިފައިިވާ ކަމަށާއި އެހެން ކަމުން އަމިއްލަ ހަރަދުގައި  ޔޫކްރޭން ދޫކޮށް ދިއުމަށް ގިނަ ދަރިވަރުން ނުކުޅެދޭނެ ކަމަށް ބުންޏެވެ. އަދި ވީހާވެސް އަވަހަށް އެ ގައުމުގައި ތިބި ދަރިވަރުން ރައްކާތެރިކޮށް ގައުމުން ފޮނުވާލުމަށް އެހީއަށް އެދިފައި ވެއެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، އެ ގައުމުގެ ހާލަތު މިނިސްޓްރީން ގާތުން ބަލަމުންދާ ކަމަށެވެ. އަދި ޔޫކްރޭންގައި ކިޔަވަމުންދާ ދިވެހި ދަރުވަރުންގެ ހާލަތުވެސް ގާތުން ބަލަމުންދާ ކަމަށާއި، އެ ކުދިން ތިބި ސަރަހައްދާ އެންމެ ކައިރީގައި ހުން އެމްބަސީން އެ ކުދިންގާ ގަވާއިދުން މުއާމަލާތުކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން އެ ކުދިންގެ ބެލެނިވެރިންނާވެސް މިއަދު ބައްދަލުކޮށްފައިވާ ކަމަށާއި، އެ ކުދިންގެ ހާލުވެސް ރަނގަޅު ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް