ކަނޑައަޅާފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަނާޅައިފިނަމަ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާކުރެވޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. ބިލް މަޖިލީހަށް ތައާރަފްކޮށް ބިލް ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.
ބިލުގެ ބޭނުމަކީ ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ދަށުން މާލީ ބަޔާން ހުށަހަޅަން ޖެހޭ މީހުންނާއި ދައުލަތުގެ މަގާމުތައް އަދާކުރާ ފަރާތްތަކުގެ މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް އެއްހަމަކޮށް ދެފުށް ފެންނަ ގޮތަކަށް މާލީ ބަޔާން ހުށަހެޅުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުން ކަމަށް ބުނެފައިވެ އެވެ.
މި ބިލުގައި މާލީ ބަޔާން ހުށަހަޅަން ޖެހޭ މަގާމުތައް ވެސް ވަރަށް ސާފުކޮށް ބުނެފައިވާއިރު މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން އެކި ކޮމިޝަންތަކާއި މުއައްސަސާތަކުގެ އިސް ބޭފުޅުންގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިބޭ ބޭފުޅުންވެސް ހިމެނެ އެވެ. އަދި ލޯކަލް ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކުގެ ޒިންމާދާރުވެރިން ވެސް ހިމެނެ އެވެ.
ބިލުގައި ބަޔާން ހުށަހަޅަން ޖެހޭ ވަގުތާއި ބަޔާނުގައި ހިމަނަންޖެހޭ މައުލޫމާތުތައް ވެސް ސާފުކޮށް ބުނެފައިވެ އެވެ. މީގެ އިތުރުން ހުށަހަޅާ މާލީ ބަޔާނުގެ ސައްހަކަން ކަށަވަރުކުރުމަށް ކަމާ ގުޅޭ އިދާރާއިން އެބަޔާނުގެ ސައްހަކަން ކަށަވަރުކުރުމަށް މިނިވަން މުއްސަސާއާ ހިއްސާކުރަން ޖެހޭނެ ކަމަށް އެބިލުގައި ބުނެފައި ވެއެވެ.
މާލީ ބަޔާން ޝާއިއުކޮށް އެ މައުލޫމާތުތައް ބަލަހައްޓައި އަދި ބަޔާންތައް ނައްތާލެވޭނެ ގޮތް ވެސް ބިލުގައި ހިމަނައިފައިވެ އެވެ. އެގޮތުން ބަޔާން ހުށަހަޅާތާ ފަސް އަހަރު ވަންދެން އެ ބަޔާންތައް ބަލަހައްޓަން ޖެހޭއިރު ބަޔާން ނައްތާލެވޭނީ މުއްދަތު ހަމަވުމަށްފަހު ރާއްޖޭގެ އަރުޝީފްގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ހޯދުމަށްފަހު ކަމަށް ބުނެފައިވެ އެެވެ.
ބިލުގައިވާ ގޮތުން މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތު ފާއިތުވެ 30 ދުވަސް ފަހުން ބަޔާން ހުށަހަޅައިފިނަމަ ގިނަވެގެން 100،000 ރުފިޔާއިން ޖޫރިމަނާކޮށް އަދި ތަކުރާރުކޮށް ލަހުން ހުށަހަޅާނަމަ 500،000 ރުފިޔާއިން ޖޫރިމަނާކުރެވެ އެވެ. އަދި 30 ދުވަސް ފަހުން ވެސް މާލީ ބަޔާން ހުށަނާޅާނަމަ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި 500،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ އެވެ.
މާލީ ބަޔާނުގައި ދޮގު މައުލޫމާތު ހިމަނައިފިނަމަ 500،000 ރުފިޔާއިން ޖޫރިމަނާކޮށް ގިނަވެގެން ދެ އަހަރަށް ޖަލަށް ލައި އަދި މަގާމުން ވަކިކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް