ރާއްޖެ އާއި މޮރިޝަސްގެ ބޯޑަރު މައްސަލައިގައި އޭޖީއާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ކޮމިޓީއަށް

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައާއި ގުޅިގެން ބަންޑާރަނައިބާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ރައްޔިތުންގެ މ...

15 Feb 2022 | 13:06

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައާއި ގުޅިގެން ބަންޑާރަނައިބާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ މޮރިޝަސް އިން އެ މީހުންގެ ކަނޑުގެ ސަރަހައްދު ކަމަށް ބުނެ ހޯދަން މަސައްކަތް ކުރާ ސަރަހައްދުގެ މައްސަލަ ނިމޭ ގޮތަކުން ރާއްޖެ އަށް ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އަދި އެ މައްސަލަ ނިމޭ ގޮތަކުން ރާއްޖޭގެ ދެކުނުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު އަލުން ކަނޑައަޅައި ކުރަހަން ވެސް ޖެހިދާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ މައްސަލައިގެ ސީރިއަސް ކަމަށް ބަލާއިރު އެ މައްސަލައާ ގުޅިގެން ސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި، މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖޭގެ ހައްގުތައް ކަށަވަރު ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ބަންޑާރައިނައިބާއި ފޮރިން މިނިސްޓްރީގެ އިސްވެރިންނަށް ސިޓީ ފޮނުވައިގެން ނުވަތަ ހާޒިރުކޮށްގެން ނަމަވެސް ހޯދަންޖެހޭ ކަމަށެވެ.

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ  ވަނީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވި އެވެ. އެހެންކަމުން ކޮމިޓީން ނިންމީ މާދަމާ ބަންޑާރަނައިބާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރެވޭނަމަ އެކަން ކުރާށެވެ. މާދަމާ ކުރެވެން ނެތް ނަމަ ހޯމަ ދުވަހު އެ ބޭފުޅުން ހާޒިރުކުރުމަށެވެ.

އައްޑޫ ސިޓީގެ ދެކުނުން 510 ކިލޯމީޓަރުގެ ދުރުގައި އޮންނަ ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ކަމަށް އދގެ އާންމު މަޖިލީހުން 2019 ގައި ފާސްކޮށްފައިވެ އެވެ. އެ ވޯޓުގައި ރާއްޖެއިން ވޯޓު ދިނީ 1965 ވަނަ އަހަރުން ފެށިގެން ޗާގޯސް އިސްތިއުމާރު ކޮށްގެން އުޅޭ އިނގިރޭސިވިލާތުގެ ތަނެއްގެ ގޮތުގައި ބޭއްވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް