ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މަރާމާތުކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީއިން ބުނެފިއެވެ.
އަދި ވޯރޑް އިމާރާތުގެ މަސައްކަތުގެ 99 ޕަސެންޓާއި އައި.ސީ.ޔޫ. ޔުނިޓްގެ މަސައްކަތުގެ 83 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން، ވޯރޑް އިމާރާތް އެޅުމާއި، އޯޕީޑީ އިމާރާތް އެޅުމާއި ލެބޯރެޓަރީ އިމާރާތް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މިއީ ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 30.3 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ 23 ޑިސެމްބަރ 2021 ވަނަ ދުވަހުއެވެ.
ކޭއާރްއެޗް އަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ޚާއްސަ ދާއިރާތަކުން ސްޕެޝަލައިޒް ޑޮކްޓަރުން މަސައްކަތް ކުރައްވާ ހޮސްޕިޓަލެކެވެ. އަދި ބޮޑެތި އޮޕަރޭޝަންތަކާއި ކުދި އޮޕަރޭޝަންތަކުގެ ޚިދުމަތް ދެމުން އަންނަ ހޮސްޕިޓަލެކެވެ.
2020 ވަނަ އަހަރު އެކަނިވެސް ރާއްޖޭގެ 184 ރަށެއްގެ 101،362 މީހުން އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާފައި ވެއެވެ. އަދި މިއީ އުތުރުގެ އަތޮޅުތަކުން އެންމެ ގިނަ ކޯވިޑް ސާމްޕަލްވެސް ޓެސްޓް ކުރާ ހޮސްޕިޓަލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް