ހުޅުމާލޭގެ ބީޗްސައިޑުން ވިއްކާ 34 ގޯތީގެ ބީލަން ހުށަހެޅުން މާދަމާ

ހުޅުމާލޭ ދެވަނަ ފިޔަވަހީ ބީޗް ސައިޑުން ވިއްކާ 34 ގޯތީގެ ބީލަން ހުށަހެޅުން މާދަމާ އޮންނާނެ ކަމަށް ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ. އެޗްޑީސީން ރޭ ކުރި އިއުލާނެއްގައި ބުނީ ބީ...

15 Feb 2022 | 09:00

ހުޅުމާލޭ ދެވަނަ ފިޔަވަހީ ބީޗް ސައިޑުން ވިއްކާ 34 ގޯތީގެ ބީލަން ހުށަހެޅުން މާދަމާ އޮންނާނެ ކަމަށް ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީން ރޭ ކުރި އިއުލާނެއްގައި ބުނީ ބީލަން ފޯމު ބަލައިގަތުން އޮންނާނީ މާދަމާ ހެނދުނު 9:00 އިން 12:00 އަށް ހ. މީރުމާ އިވެންޓްސްގެ ދެ ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި ބީލަން ފޯމު ހުޅުވުން އޮންނާނީ މާދަމާ މެންދުރު 13:00 ގައި، ހ. މީރުމާ އިވެންޓްސްގެ ދެ ވަނަ ފަންގިފިލާގައެވެ.

އެގޮތުން ކޮންމެ ބީލަން ފޯމަކާއެކު، ބީލަން ހުށަހެޅުމުގައި ބައިވެރިވެވޭނީ އެކަކަށް ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އަދި ބީލަމަށް ހާޒިރުވާ މީހުން ހުރިހާ ވަގުތެއްގައިވެސް މާސްކު އަޅައި ގައިދުރުކަން ބެހެއްޓުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ބިޑް ހުށަހަޅާފަރާތުގެ ބަދަލުގައި އެހެންފަރާތެއް ބީލަން ފޯމު ހުށަހަޅަން ހާޒިރުވާނަމަ، ޕަވަރ އޮފް އެޓާރނީ ގެނައުމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މި ގޯތިތައް ވިއްކާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ކަމަށެވެ. އަދި ބިންތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000ރ ހުށަހަޅަންޖެހޭނެކަމުގައި އެޗްޑީސީން ހާމަކުރެއެވެ.

އެޗްޑީސީން ވަނީ ބީޗް ފްރަންޓް ނުވަތަ އަތިރިމައްޗަށް ވާ ގޮތަށް 26 ގޯތި އަދި ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން 34 ގޯތި ވިއްކަން ނިންމާފައެވެ. އެޗްޑީސީން މީގެ ކުރިން ބުނީ ހުޅުމާލެއިން ވިއްކަނީ 1603.7 އަކަފޫޓާއި 2633.82 އަކަފޫޓާ ދެމެދުގެ ބިންތަކެއް ކަމަށެވެ.

އަދި އަގަށް ބަލާއިރު ބީޗް ފްރަންޓު ޕްލޮޓުތަކުގެ އަގު، ކުރިއެކޭ ވެސް އެއްގޮތަށް، ބީޗް ސައިޑްގެ ޕްލޮޓުތަކަށް ވުރެ ބޮޑުކަން ފާހަގަކޮށްލެވެއެެވެ.

މީގެ އިތުރުން ޖީއެސްޓީ ނުހިމަނައި، ބީލަމަށް ހުށަހެޅޭނެ އެންމެ ދަށް އަގުތަކަކީ ބީޗް ފްރަންޓަށް އަކަފޫޓަކަށް -/3900 ރުފިޔާ އަދި ބީޗް ސައިޑަށް އަކަފޫޓަކަށް -/3500 ރުފިޔާއެވެ. މި އަގުން ބަލާ ނަމަ ބީޗް ސައިޑުން 1603 އަކަ ފޫޓުގެ ބިމަކަށް 5.6 މިލިއަން ރުފިޔާ އަދި ބީޗް ފްރޮންޓްގެ އެ ވަރުގެ ބިމަކަށް 6.2 މިލިއަން ރުފިޔާ އަރައެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް