ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީއާއި ދެމެދު ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެއްޖެ

ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ޔޫއެންޑީޕީއާއި އިކޮނޮމިކް މިނިސްޓްރީއާއި ދެމެދު އެއްބަސް ވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު ވޭއްވުނު ރަސްމިއްޔާތުގައި ސޮއިކުރެވި އެއްބަސްވެފައިވަ...

15 Feb 2022 | 08:29

ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ޔޫއެންޑީޕީއާއި އިކޮނޮމިކް މިނިސްޓްރީއާއި ދެމެދު އެއްބަސް ވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ވޭއްވުނު ރަސްމިއްޔާތުގައި ސޮއިކުރެވި އެއްބަސްވެފައިވަނީ ސަރުކާރުގެ ޕޮލިސީތައް ކަނޑައެޅުމުގައި، އެވިޑެންސް ބޭސްޑް ޕޮލިސީމޭކިންއަށް ރިޢާޔަތްކުރުމަށާއި، އ.ދ ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގައި އިންވެސްޓްމަންޓްތައް ކުރިއެރުވުމަށްޓަކައި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ފައްޔާޞު އިސްމާއިލްއެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެސެންޓެޓިވް، އެންރީކޯ ގަވޭލިއާއެވެ.

މި އެމްއޯޔޫގެ ސަބަބުން، ޔޫއެންޑީޕީ އާއި މިނިސްޓްރީއާ ދެމެދު ފާއިތުވި އަހަރުތަކުގައި ދެމެހެއްޓިފައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ، ޔޫއެންޑީޕީއިން 2022 އިން 2026 އާ ހަމަޔަށް ހިންގުމަށް އެކުލަވާލާފައިވާ ދިވެހި ރާއްޖޭގެ އައު ކަންޓްރީ ޕްރޮގްރާމް ޑޮކިއުމަންޓް ތަރައްޤީކޮށް، މި ޕްރޮގްރާމްތައް އިތުރު ހަލުވި މިނެއްގައި ކުރިޔަށް ގެންދިޔުމަށް މަގުފަހިވެގެން ދާނެއެވެ.

މި އެމްއޯޔޫގެ ދަށުން މައިގަނޑު 4 ދާއިރާ އަކުން އެއްބާރުލުން ދިނުމަށް ކަނޑައަޅާފައިވެއެވެ. އެއީ ޑޭޓާ މެނޭޖްކުރުމާއި ދިރާސާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އިޤްތިޞާދީ ސިޔާސަތުތައް އެކުލަވާލުމާއި ސަރުކާރަށް ފަންނީ ލަފާ ދިނުމުގައި ބޭނުންވާ ޑޭޓާ މެނޭޖްމަންޓް ގަވަނަންސް ހަރުދާނާކުރުމަށް އެހީތެރިވެދިނުމެވެ. އަދި އ.ދއިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫއުތައް ރާއްޖޭގައި ތަންފީޒުކުރުމުގެ ތެރެއިން، ކްލައިމެޓް އިންވެސްޓްމަންޓް ފުރުސަތުތައް ދެނެގަތުން އަދި މިކަމާގުޅޭ އިންވެސްޓްމަންޓް މެޕެއް އެކުލަވާލުމާއި، ރާއްޖޭގެ އިޤްތިޞާދަކީ، ކަނޑުގެ މުއްސަނދިކަމަށް ބަރޯސާވާ ދެމެހެއްޓެނިވި ނޫ އިޤްތިޞާދަކަށް ހެދުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް މީގެތެރޭޣައި ހިމެނެއެވެ.

މީގެއިތުރުން އިކްނޮމިކް މިންސްޓްރީން ވިދާޅުވީ  އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވުމާއި، އަންހެނުން ހިއްސާވާ ވިޔަފާރިތައް ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުމާއި، ދެމެހެއްޓެނިވި ފަހި އިޤްތިޞާދެއް ބިނާކުރުމަށް އެހީވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުނަރު އިތުރުކުރުމަށް މަސައްކަތް ކުރުމަށް މި އެއްބަސްވުމުގެ ދަށުން އެއްބާރުލުން ލިބޭނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް