އަހަރެމެން މި ތިބީ ހާސްކަމެއްގެ ތެރޭގައި: ޔޫކްރޭންގައި ތިބި ދިވެހިން

ރަޝިޔާ، ޔޫކްރޭން މަސްރަހު އިތުރަށް ގޯސްވެ މާދަމާ ހަމަލާތަށް ދޭން ފަށާނެކަމަށް މިހާރު ބެލެވޭއިރު ޔޫކްރޭންގައިތިބި ދިވެހިން ތިބީ ހާސްކަމެއްގެ ތެރޭގައިކަމަށް އެ ފަރާތްތަކުން ބުނެފިއެވެ. އެގޮތުން ދުވަހަށް...

15 Feb 2022 | 07:30

ރަޝިޔާ، ޔޫކްރޭން މަސްރަހު އިތުރަށް ގޯސްވެ މާދަމާ ހަމަލާތަށް ދޭން ފަށާނެކަމަށް މިހާރު ބެލެވޭއިރު ޔޫކްރޭންގައިތިބި ދިވެހިން ތިބީ ހާސްކަމެއްގެ ތެރޭގައިކަމަށް އެ ފަރާތްތަކުން ބުނެފިއެވެ.

އެގޮތުން ދުވަހަށް މައުލޫމާތުދެމުން ޔޫކްރޭންގައި ކިޔަަވަންހުރި ކުއްޖަކު ބުނީ ހަނގުރާމަ މާދަމާ ފަށާނެ ވާހާކަ ޔޫކްރޭންގެ ކަމާބެހޭ ފަރާތްތަކުންވެސް މިހާރު ބުނަމުން އަންނައިރު އެގައުމުގައި ތިބި ދިވެހިން ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށެވެ.

"ބައެއް ސަރުކާރުތަކުން އަންގައިފި އެ ގައުމުގެ ރައްޔިތުން އަމިއްލައަށް ނަމަވެސް އެ ގައުމު ދޫކޮށް ދާން، އޭގެ ތެރޭގައި އިޒްރޭލު، މޮރޮކޯ، ކުވައިތު ހިމެނޭ" ދުވަހަށް މައުލޫމާތު ހިއްސާކުރި އެއް ދަރިވަރަކު ބުންޏެވެ.

އަނެއް ދަރިވަރަކު ބުނީ ފޮރިން މިނިސްޓްރީން، ޔޫކްރޭންގައި ތިބި ދިވެހިން ހިމެނޭހެން ވަޓްސް އެޕް ގްރޫޕެއް މިހާރު ހަދާފައިވާކަމަށާއި ނަމަވެސް އޭގެން ޖަވާބެއް ނުލިބޭ ކަމަށެވެ. އަބަދުވެސް ލިބެނީ އެއް ޖަވާބެއް ކަމަށެވެ.

"އަބަދުވެސް ބުނަނީ ހާލަތު ގާތުން މޮނިޓަރ ކުރަމުން އަންނަ ވާހަކަ، އިތުރަށް އިރުޝާދު ދޭނެ ވާހަަކަ" ދަރިވަރަކު ބުންޏެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ނޫސްބަޔާނެއް މިއަދު ނެރެފައިވެއެވެ. އެ ނޫސްބަޔާނުގައި އިލްތިމާސްކޮށްފައިވަނީ ދިވެހިން ޔޫކްރޭނަށް ދަތުރު ނުކުރުމަށެވެ.

ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީން މިއަދު އިތުރަށް ބުނެފައިވަނީ ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، މި މިނިސްޓްރީ އާއި، އެ ޤައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރާކަމަށެވެ.

ޔޫކްރޭންގައި ތިބި ދިވެހިންގެ އަދަދު 50 އަށް އަރައެވެ. އެ ދިވެހިންގެ ތެރެއިން އިތުރު ދިވެއްސަކު މިއަދު މި ނޫހަށް މައުލޫމާތުދެމުން ބުނީ ޔޫކްރޭން ދޫކޮށް ދާން ކުއްލިއަކަށް އެންގި ނަމަވެސް ދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. ފްލައިޓްތައް ފުލް ކަމަށެވެ.

"ހަމަލާ ދޭން ފަށައިފިނަމަ ވައިގެ މަގު ބަންދު ކުރުމުގެ ފުރުސަތުވެސް ބޮޑު، ޓިކެޓުތަކުގެ އަގުތައްވެސް ދަނީ ވަރަށް ބޮޑުވަމުން، މިވަގުތު މިދަނީ ގޮތް ހުސްވާން" ކަންބޮޑުވުންތައް ހިއްސާކުރަމުން އެކަކު ބުންޏެވެ.

ޔޫކްރޭންގައި ތިބި ދިވެހިން ހާސްކަންބޮޑުވެފައިވާއިރު، ރޭގައި އެ ގައުމުގެ ރައީސް ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ 16 ވަނަ ދުވަހު ރަޝިޔާއިން ހަމަލާދޭނެ ކަމުގެ މައުލޫމާތު މިހާރު ލިބިފައިވާކަމަށެވެ. އަދި މާދަމައަކީ އެ ގައުމުގެ އެއްބައިވަންތަ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ހަމަލާ ދިނަސް ފަސް ނުޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް