ޅ. މަޑިވަރު ޑޮމެސްޓިކް އެއާޕޯޓު އަންނަ ހުކުރު ދުވަހު ރަސްމީކޮށް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
މި އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު މީޑިއާގައި ވިދާޅުވީ ހުކުރު ދުވަހު ރަސްމީކޮށް އެއާޕޯޓު ހުޅުވައިދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. ރައީސް ސޯލިހު މަޑިވަރު އެއާޕޯޓު ހުޅުވައިދެއްވުމާއި އެކު އެ އަތޮޅަށް ކުރައްވަނީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.
ރަސްމީކޮށް ހުޅުވުމާއި އެކު މޯލްޑިވިއަންއިން ދަނީ އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށަން ތައްޔާރުވަމުންނެވެ. މިހާދު ވިދާޅުވެފައިވާ ގޮތުގައި ދުވާލަކު ތިނެއް ނުވަތަ ހަތަރު ފްލައިޓު ބޭއްވުމަށް ވަނީ ރާވާފަ އެވެ.
އެކަމަކު ޝެޑިއުލް ދަތުރުތައް ފަށާނެ ތާރީހު ހާމައެއް ނުކުރައްވަ އެވެ.
މިއީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކުރެއްދޫ ހޯލްޑިންގްސުން ތަރައްޤީކުރި އެއާޕޯޓެކެވެ.
މަޑިވަރު އެއާޕޯޓުގައި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ އިތުރުން، ޓާމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެއެވެ. އަދި 1200 މީޓަރުގެ ރަންވޭއަކާއި، ފްލައިޓް ޕާކު ކުރާނެ ސަރަހައްދެއް ވެސް ގާއިމުކޮށްފައެވެ.
ޖުމްލަ 170 މިލިއަން ރުފިޔާ ހަރަދުކޮށްގެން، 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ތަރައްގީކުރި މަޑިވަރު އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސީ މިދިޔަ ޑިސެމްބަރު މަހުގެ25 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް