އިލެކްޓްރޯނިކް ލޮލުގެ ސަބަބުން ލޯފަން މީހުންނަށް ފެނުމުގެ އުއްމީދު އާވެއްޖެ

މިހާރު އީޖާދު ކުރެވިފައިވާ އިލެކްޓްރޯނިކް ލޮލުގެ ސަބަބުން ލޯފަން މީހުންނަށް ފެނުމުގެ އުއްމީދު އާވެއްޖެއެވެ. އީޖާދު ކޮށްފައިވާ އިލެކްޓްރޯނިކް ލޮލުގައިވަނީ އިންސާނުންގެ ލޮލުގެ ރެޓީނާއަށް ލައްވާފައިވާ ޗި...

15 Feb 2022 | 05:46

މިހާރު އީޖާދު ކުރެވިފައިވާ އިލެކްޓްރޯނިކް ލޮލުގެ ސަބަބުން ލޯފަން މީހުންނަށް ފެނުމުގެ އުއްމީދު އާވެއްޖެއެވެ.

އީޖާދު ކޮށްފައިވާ އިލެކްޓްރޯނިކް ލޮލުގައިވަނީ އިންސާނުންގެ ލޮލުގެ ރެޓީނާއަށް ލައްވާފައިވާ ޗިޕެކެވެ. އަދި މި ޗިޕްގުޅިފައިވަނީ އައިނުގައި އިންނަ ކެމެރާއަކާއެވެ.

މި އުފެއްދުން ޓެސްޓް ކޮށްފައިވަނީ އެއްޗެތީގެ ލޯތައް އާދަޔާ ޚިލާފަށް ތޫނު ކަންބަޅިތަކެއް ބޭނުންކޮށްގެންނެވެ. މިކުޑަ ކަންބަޅިތައް އިލެކްޓްރޯނިކް ލޮލުގެ އެހީގައި ތިން މަސްދުވަސް ހޭދަކުރިއެވެ. މި ލޯ ހަރުކޮށްފައިއިވަނީ ކަންބަޅީގެ ލޮލުގެ ރެޓީނާގެ ފަހަތުގައެވެ.

މި އިލެކްޓްރޯނިކް ލޯތައް، (ފޮއެނިކްސް 99) ކަންބަޅިތަކުގެ ލޮލުގެ ތެރޭގައި އިންދުމުގެ ބޭނުމަކީ އޭގެ ސަބަބުން އެކަންބަޅިތަކަށް ދިރިއުޅެން ދަތި އުނދަގޫތަކެއް ކުރިމަތިވޭތޯ ބެލުމަށެވެ.

މި ހޯދުންތަކުން ދެއްކި ގޮތުގައި މި ލޯތަކުގެ ސަބަބުން މިޖަނަވާރުތަކަށް އެއާއެކު ދިރިއުޅެން އުދަގޫވާވަރުގެ ދަތިތަކެއް ކުރިމައްޗެއް ނުވެއެވެ.

މީގެ ނަތީޖާއެއްގެ ގޮތުން މިހާރު މި ލޯތައް އިންސާނުންނަށް ޓެސްޓްކުރުމުގެ ފުރުޞަތުވަނީ ފަހިވެފައެވެ.

މި ޕްރޮޖެކްޓަކީ ޔުނިވަރސިޓީ އޮފް ސިޑްނީއާއި ޔުނިވަރސިޓީ އޮފް ސައުތު ވޭލްސް ރިސާރޗް ޓީމަކުން ކުރަމުން އަންނަ ދިރާސީ ތަޖްރިބާތަކެކެވެ.

ފޮއެނިކްސް 99 އަކީ އައިނުގައި ހަރުކޮށްފައި އިންނަ ކުޑަކުޑަ ވަޔަލެސް ކެމެރާއަކާއި ގުޅާފައިވާ އިލެކްޓްރޯނިކް ލޮލެކެވެ.

މި އިލެކްޓްރޯނިކް ލޯ މަސައްކަތްކުރަނީ އިންސާނާގެ ލޮލުގެ ތެރޭގައި އިންނަ ރެޓީނާ ޙަރަކާތް ކުރުވައިގެންނެވެ.

އިންސާނުންގެ ރެޓީނާއަކީ ލޮލުގެ ފަހަތުގައި އިންނަ އައްޔަށް ސެންސިޓިވް ސެލްތަކެއްގެ ފަށަލައެކެވެ. މި ފަށަލައިން އަލިތައް އިލެކްޓްރިކަލް މެސެޖްތަކަކަށް ބަދަލުކޮށްދެއެވެ.

އަދި މި މެސެޖްތައް އޮޕްޓިކް ނާވްގެ ޒަރީޢާއިން ސިކުނޑިއަށް ވާޞިލުކޮށްދެއެވެ. އަދި ސިކުނޑިން އެ މެސެޖްތައް ބުނެދޭ އެއްޗެއް އަހަރެމެންނަށް ފެންނައެއްޗެއްގެ ގޮތުގައި ތަރުޖަމާކޮށްދެއެވެ.

ފޮއިނެކްސް 99 (އިލެކްޓްރޯނިކް ލޯ) ކުރާކަމަކީ ރެޓީނާގައި ހުންނަ ހަލާކުވެފައިވާ ސެލްތައް ބައިޕާސް ކުރުމަށްފަހު ރަނގަޅަށް މަސައްކަތްކުރާ ސެލްތަކާ ހިސާބަށް މެސެޖް ފޯރުކޮށް ދިނުމެވެ.

މި ތަޖްރިބާތައް ކުރަމުން ދާ ޓީމުން ޤަބޫލުކުރާގޮތުގައި މި އާޓިފިޝަލް ލޮލުގެ ވަށައިގެންވާ ޓިޝޫތަކަށް މިލޮލުގެ ސަބަބުން އުނދަގޫކުރަނިވި އަސަރެއް ނުކުރެއެވެ.

އެހެން ވުމުގެ ސަބަބުން މި އިލެކްޓްރޯނިކް ލޯތައް ލޮލުގެ ތެރޭގައި އަހަރުތަކެއް ވަންދެން މައްސަލައެއް ނުޖެހި ހުރެދާނެކަމަށް މި ޓީމުގައި ހިމެނޭ ޔުނިވަރސިޓީ އޮފް ސިޑްނީގެ ބަޔޯކެމިކަލް ސްކޫލްގެ ބަޔޯ މެޑިކަލް އިންޖިނޭރެއްކަމުގައިވާ ސަމުއެލް އެގެންބާގަރ ވިދާޅުވެއެވެ.

އެންމެ މަދުވެގެން ދުނިޔޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 2.2 ބިލިއަން މީހުންނަށް ލޮލަށް ފެނުމުގައި ކޮންމެވެސް ކަހަލަ މައްސަލައެއް ހުރެއެވެ.

މީގެ ތެރޭގައި ފެނުމުގައި އުނިކަން ހުންނަ މީހުނުން ފެށިގެން މުޅިން ލޯފަންވުމާ ހަމައަށް ގޮސްފައި ތިބޭ މީހުންހިމެނެއެވެ.

ޑަބްލިއުއެޗްއޯ އިން ހާމަކުރާ ގޮތުގައި މިގޮތަށް ލޮލަށް ފެނުމުގެ މައްސަލަ ވަރަށް ގިނަ މީހުންނަށް ކުރިމަތިވެފައި ވުމަކީ އެމީހުންގެ ފަރާތުން މުޖްތަމަޢަށާއި އެމީހުންނަށް ލިބެންޖެހޭ މާލީ ފައިދާތަކުން ވެސް މަޙުރޫމުވާކަމެކެވެ. އެ ގޮތުން އަހަރެއްގެ މައްޗަށް   25  ބިލިޔަން ޑޮލަރުގެ ގެއްލުން ވެއެވެ.

ސިނާއީ ލޯ ތަރައްޤީކޮށް ބޭނުންކުރުމަކީ ވަރަށް ބޮޑެތި ފައިދާތައް ކުރާނެކަމެކެވެ. ނަމަވެސް އަދި މިކަން އިންޑަސްޓްރިއަލް ލެވެލަށް ދިއުމަށް ބަލާއިރު އަދި މިއުޅެވެނީ ވަރަށް ޅަފަތުގައި ކަމަށް ސައިންސްވެރިން އެއްބަސްވެއެވެ.

ނަމަވެސް ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު 2028 ވަނަ އަހަރު އަންނައިރު މި ސެކްޓަރގެ އަގު 426 މިލިޔަނަށް އަރާނެކަމުގައި ބައެއް ރިޕޯޓުތައް ބުނެއެވެ.

"ޓެކްނޮލޮޖީގެ ކުރިއެރުންވަނީ ފެނުމާބެހޭ ޢިލްމު އާ އުސްމިންތަކަކަށް ގެންގޮސްދީފައެވެ" އެމެރިކާގެ ނިއުޖާޒީގައި ދިރިއުޅުއްވާ އޮޕްތަލްމޮލޮޖިސްޓެއްކަމުގައިވާ ޑޮކްޓަރ ޑަޔާން ހިލާލް ކޭމްޕޯ ހާމަކުރިއެވެ. ޑޮކްޓަރީ ޢިލްމުގެ ކުރިއެރުމުގެ ސަބަބުން ހަމަ އެކަނި ކުރިއަރައިގެން ދިޔައީ ބަލި ފުރިހަމައަށް ދެނެގަތުމުގެ ވަސީލަތްތައް އެކަންޏެއް ނޫނެވެ.

ނަމަވެސް ބަލިމީހުންނަށް ދޭންވީ ފަރުވާވެސް މުޅިން ހެޔޮބަދަލަކަށް ގެންގޮސްދީފިއެވެ.

ދުނިޔޭގެ އެކި ތަންތަނުގައި ދިރިއުޅޭ 350 އަށްވުރެ ގިނަ މީހުންނަށް ވަނީ އިލެކްޓްރޯނިކް ލޯ "ދަ އާގަސްޓޫ" ބޭނުންކުރަން ފަށާފައެވެ.

މި މަސައްކަތަކީވެސް ފޮއެނެކްސް 99 އާ އެއްގޮތަކަށް މަސައްކަތްކުރާ ޓެކްނޮލޮޖީއެކެވެ. މިފަދަ މަސައްކަތެއް އެންމެ ފުރަތަމަ ފެށިފައިވަނީ 2011 ވަނަ އަހަރުގެ ތެރޭގައެވެ.

މިފަދަ ތަފާތު ތަޖްރިބާތައް އެމެރިކާއާއި ފަރަންސޭސި ވިލާތާއި އޮސްޓްރޭލިއާގެ އެކިއެކި މުއައްސަސާތަކުން ކުރަމުން އެބަދެއެވެ.

ޑޮކްޓަރ ޑަޔާން ހިލާލް ފާހަގަކުރައްވާ ގޮތުގައި މިކަމުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މި ޓެކްނޮލޮޖީގެ އަގުބޮޑުވުމެވެ.

މި ގޮތުން ކުރިންދެންނެވުނު ދަ އާގަސްޓޫގެ އަގަކީ 150000 ޔޫއެސް ޑޮލަރެވެ. ޑޮކްޓަރ ޑަޔާން ހިލާލްވެސް ޤަބޫލުކުރައްވާގޮތުގައި އަދި ވެސް މި ޓެކްނޮލޮޖީ އޮތީ ވަރަށް ޅަފަތުގައެވެ.

ނަމަވެސް މި ޓެކްނޮލޮޖީން އުއްމީދުތަކެއް އާކޮށްދެއެވެ. އަދި މުސްތަޤްބަލުގައި އުއްމީދުކުރާވަރުގެ ކުރިއެރުންތަކެއް ފެންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް