ރަޝިޔާއާއި ޔޫކްރޭންގެ މަސްރަހު ގޯސްވެ މާދަމާ ހަނގުރާމަ ފަށާފާނެކަމުގެ އިޝާރާތްތަކެއް ކޮށްފައިވާއިރު، ޔޫކްރޭންގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމުގައި ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މި ހާލަތުގައި ޔޫކްރޭނަށް ދިވެހިން ދަތުރު ނުކުރުމަށްވެސް އިލްތިމާސްކޮށް އެ މިނިސްޓްރީން ބުނެފައިވަނީ ޔޫކްރޭނުގެ މަޝްރަޙު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން މި ދަނޑިވަޅުގައި އުފެދިފައިވާކަމަށެވެ.
"ޔޫކްރެއިންގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުން އެ ޤައުމަށް ދަތުރު ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސްކުރަމެވެ." ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، މި މިނިސްޓްރީ އާއި، އެ ޤައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް