ރިޔާޒަށް ސެކިއުރިޓީ ހަމަޖައްސަވައިދެވޭނީ މަޖިލީހުގެ ރައީސް އާއި މަޝްވަރާ ކުރުމަށް ފަހު

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒަށް ސެކިއުރިޓީ ހަމަޖައްސައި ދިނުމުގެ ކަންކަން ކުރިޔަށް ގެންދެވޭނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އާއި މަޝްވަރާ ކުރުމަށް ފަހު ކަމަށް އެމ...

15 Feb 2015 | 10:12

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒަށް ސެކިއުރިޓީ ހަމަޖައްސައި ދިނުމުގެ ކަންކަން ކުރިޔަށް ގެންދެވޭނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އާއި މަޝްވަރާ ކުރުމަށް ފަހު ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ރިޔާޒު ޑިފެންސް މިނިސްޓާ މޫސާ އަލީޖަލީލަށް ފޮނުއްވި ސިޓީގެ ޖަވާބުގައި މިއަދު ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މުހައްމަދު ޒުހައިރު ސޮއި ކުރައްވާ ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ މިހާރު އަމަލު ކުރަމުންދާ ގޮތުން މެންބަރަކު ސެކިއުރިޓީއަށް އެދުމުން މަޖިލީހުގެ ރައީސާއި މަޝްވަރާ ކުރަނީ ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން ރިޔާޒުގެ ސެކިއުރިޓީ ހަމަޖައްސައިދޭނެ ކަމަށެވެ.

ނަމަވެސް ސިޓީގައި ސެކިއުރިޓީ ހަމަޖައްސައި ދެވޭނެ ތާރީހެއް ބުނެފައި އެއް ނުވެ އެވެ. ބަދަލުގައި ބުނެފައިވަނީ ރިޔާޒު ޑިފެންސް މިނިސްޓަރަށް ފޮނުއްވި ސިޓީ އެ މިނިސްޓްރީއަށް ލިބިފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީގެ ކޮޕީއެއް ރިޔާޒު ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައި އެވެ.

https://twitter.com/riyazabdulla/status/566890605104488448

ޑިފެންސް މިނިސްޓަރަށް ރިޔާޒް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ދެ މީހަކު އޭނާއަށް ފާރަލަމުންދާ ކަމަށާއި، ދާ ކޮންމެ ތާކަށް ސައިކަލެއްގައި އެ ދެމީހުން ފާރަލަމުން ގެންދާ ކަމަށެވެ.

ހޯމް މިނިސްޓާ އުމަރު ނަސީރަށްވެސް ރިޔާޒު ވަނީ ސިޓީއެއް ފޮނުވާފައި އެވެ. ހޯމް މިނިސްޓަރަށް ފޮނުއްވި ސިޓީގައި ރިޔާޒް ވިދަޅުވެފައިވަނީ އޭނާގެ ކާރަށް ނުވަތަ ދިރިއުޅޭ ފްލެޓަށް ނުވަތަ އަމިއްލަ އޮފީހަށް މަސްތުވާތަކެތި ވަގަށް ވައްދައިގެން ޖިނާއީ މައްސަލައެއްގައި ބެއްދުމަށް ބަޔަކު މަސައްކަތް ކުރާ ކަމަށް ވަރަށް މުއުތަބަރު ފަރާތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ރިޔާޒުގެ ސިޓީގައި އެދިވަޑައިގެންފައިވަނީ 24 ގަޑިއިރު އޭނާއަށް ސެކިއުރިޓީ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށެވެ. އަދި ރިޔާޒަށް ފާރަލަމުންދާ ދެމީހުންގެ ފޮޓޯވެސް ސިޓީއާއި އެކު ފޮނުވި ކަމަށް ސިޓީގައި ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސެކިއުޓީ ހަމަޖައްސައި ދިނުމަކީ ސަލާމަތީ ބާރުތަކަށް ގާނޫނީ ގޮތުން ހަވާލުކުރެވިފައިވާ ޒިންމާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް