ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރުކަމުން އެ ވުޒާރާގެ ވަޒީރު ޢަލީ ޢިޙްސާން އެކަހެރި ކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.
އެމްޑީޕީއިން މިކަމަށް ގޮވާލާފައިމިވަނީ އެ ވުޒާރާގެ ތެރޭގައި އެ ވަޒީރުގެ ބެލުމުގެ ދަށުން ޕްރޮގްރެސިވް ޕާޓީއަށް މެންބަރުން ވެއްދުމަށް ފޯމުތައް ފައްކާކުރަމުންދިޔަ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާތީ އެކަމާއި ގުޅުވައެވެ.
މިކަމާއި ގުޅިގެން އެމްޑީޕީއިން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޕީ.އެން.ސީ. އަށް މެންބަރުން އިތުރުކުރުމަށް ހިންގި ހަރަކާތުގައި ސައްހަ ނޫން ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަން އިލެކްޝަންސް ކޮމިޝަންގެ ބަހުންނާއި، ޕީއެންސީގެ އަމިއްލަ އިއުތިރާފުން ވަނީ ޝައްކެއް ނެތް މިންވަރަށް އޮޅުންފިލާފައި ކަމަށާއި އަދި މިކަން ހިނގައި ދިޔައީ އެކިފަރާތްތަކުން ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލުކަން އެޕާޓީގައި ނެތުމުގެ ސަބަބުންކަމަށް ޕީއެންސީން ބުނިނަމަވެސް، މިއީ ގަސްތުގައި ރާވައިގެން ހިންގާފައިވާ ޖަރީމާއެއްކަން މިހާރު ވަނީ ހާމަވެފައި ކަމަށެވެ.
"ދިވެހިރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކުރުމުގެ މި ބޮޑު ޖަރީމާ ހިންގުމުގައި ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނު އިސް ދައުރެއް އަދާކޮށްފައިވާތީ މިޕާޓީގެ ފަރާތުން މިނިސްޓަރުގެ އެ ހުތުރު އަމަލު ކުށްވެރިކުރަން، ވަޒީރުންނަކީ ގާނޫނުއަސާސީއާއި ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމަށް މާތްﷲ ގަންދީ ހުވައެއްކޮށްގެން އެ މަގާމާ ހަވާލުވާ ބައެއް ކަމަށްވާއިރު، އެކިއެކި ހިދުމަތްތަކަށް އެދިގެން ދިވެހިސަރުކާރަށް ލިޔެކިޔުން ހުށަހަޅާ ދިވެހިރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކުރުމުގައި މިނިސްޓަރު އިހުސާންގެ ބައިވެރިވުން އޮތްކަމީ އެ ވަޒީރު ކުރެއްވި ހުވަޔާވެސް ހިލާފު އަމަލެއް" އެމްޑީޕީއިން ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި އެމްޑީޕީއިން ބުނެފައިވަނީ މިހާރު އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މުވައްޒަފުންނާއި، ވަސީލަތްތަކާއި އެ އިދާރާގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމުގެ މުޅި އިޖުރާއަތު ހިނގައިދިޔައީ މިނިސްޓަރު އިހުސާނުގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށެވެ.
މިނިސްޓަރު އިހުސާނު ހިންގަވާފައިވާ މި މުޑުދާރު އަމަލުގެ މައްސަލަ ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ގޮވާލާކަމަށާއި މިނިސްޓަރު އިހުސާނަކީ ފުލުހުންގެ އިދާރާގެ ކަންކަން ބެލެހެއްޓުން ހަވާލުވެފައިވާ ވަޒީރުކަމަށްވާއިރު، އޭނާ އެ މަގާމުގައި ހުރެއްޖެނަމަ މިމައްސަލައިގެ އިންސާފުވެރި ތަހުގީގެއްކުރުމަކީ މުސްތަހީލުކަމަކަށްވާތީ، މި މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ކަށަވަރުކުރުމަށްޓަކައި، މިނިސްޓަރު އިހުސާނު މަގާމުން އެކަހެރިކުރުމަށް ވެސް ސަރުކާރަށް އެމްޑީޕީއިން ގޮވާލާފައިވެއެވެ. އަދި މި އަމަލަކީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ނާޖާއިޒް މަންފާއެއް ހޯދައި ދިނުމުގެ އަމަލަކަށްވާތީ މިމައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް އެމްޑީޕީއިން ގޮވާލާފައިވެއެވެ.
"ދިވެހިރައްޔިތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހިދުމަތްތައް ހޯދަނީ އެ ރައްޔިތުންގެ ޒާތީ މައުލޫމާތުތައް އިތުރު ފަރާތަކަށް ހާމަނުވާނޭކަމުގެ ކަށަވަރުކަމާއެކުގައެވެ. އެހެންނަމަވެސް، ޕާޓީގެ މެންބަރުންގެ ދަފުތަރު އިތުރުކުރުމަށްޓަކައި ދިވެހިރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކުރުމަކީ އިންތިހާއަށް ނާތަހުޒީބު، އަދި ހިޔާނާތުގެ އަމަލެއް، މިއީ ސަރުކާރާމެދު ރައްޔިތުންގެ މެދުގައި އޮންނަންވާ އިތުބާރު ގެއްލިގެންދާފަދަ އަމަލަކަށްވާތީ މިފަދަ ކަންކަން އިތުރަށް ނުހިނގާނޭކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލަން" އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީއިން އިތުރަށް ބުނެފައިވަނީ މިހާރު ޕީއެންސީގެ ދަފުތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ގިނަ ފޯމުތަކަކީ ސައްހަ ނޫން ފޯމުތަކެއްކަން ސާފުވެފައިވާތީ މިމައްސަލަ ބަލައި، އެކަމުގައި ގޮތެއް ނިމުމުގެ ކުރިން އެއިން އެއްވެސް ފޯމެއް ރަޖިސްޓްރީ ނުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް