އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން އައި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައާއު ގުޅިގެން ދައުވާ ލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލަ ނުބަލަން ހައި ކޯޓުން ނިންމި ނިންމުން ގޯސްކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
2021 ވަނަ އަަހަރުގެ އޮކްޓޫބަރު މަހުގައި، ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވަންގެ މައްޗަށް ދައުވާ އުފުލިއިރު، ލަމްހާގެ މައްޗަށް ކުރާ ދައުވާއަކީ އެކަމުގައި ބައިވެރިިވި ދައުވާއެވެ. ކްރިމިނަލް ކޯޓުން ލަމްހާ ދޫކޮށްލާފައިވަނީ މިދިޔަ އަަހަރުގެ ނޮވެމްބަރު މަހުއެވެ.
އެގޮތުން އެ މައްސަލަ ނިންމުން އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުމަށް އެ ކޯޓުގެ ފަޑިޔާރުންގެ މަޖިލީހުން ވެސް އޮތީ ތާއިދު ކޮށްފައެވެ. އެހެން ކަމުން އެ މައްސަލަ ދައުލަތުން ސްޕްރީމް ކޯޓަށް ހުށަހެޅިއެވެ.
އެ މައްސަލައާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ހައި ކޯޓުން ނުބަލަން ނިންމީ ގޯސްކޮށް ކަމަށް ސްޕްރީމްކޯޓުގެ ފަޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އަދި ދިހަ ދުވަސް ތެރޭގައި އެ މައްސަލަ ހުށަހަޅައިފިނަމަ ހައިކޯޓުން އެ މައްސަލަ ބަލައިގަތުމަށް ސްޕްރީމް ކޯޓުން އަންގާފައިވާ ކަމަށެވެ.
އަދި އެ މުއްސަތުގައި އެ މައްސަލަ ހައި ކޯޓަށް އަލުން ހުށަހަޅާނެ ކަމަށް ވެސް ޕީޖީން ބުނެއެވެ.
2023 ވަނަަ އަަހަރުވެސް ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކުރިއެވެ. އެހެން ނަމަވެސް ހައިކޯޓުން އޭނާ ބަންދުކުރުމަށް ފަހު ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގައި ދައުވާ ލިބޭ މާވިން އަދިވެސް ހުރީ ބަންދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް