ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް މި ސަރުކާރުން ބްލޮކް ނުކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު މިހެން ވިދާޅުވެފައިވަނީ އެކަމާއި ގުޅޭގޮތުން ފެތުރެމުން އަންނަ ވާހަކަތައް ދޮގުކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ހީނާ ވަލީދު ވިދާޅުވެފައިވަނީ ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
"ސޯޝަލް މީޑިޔާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައިނުވޭ، އަދި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައިވެސް ނުވޭ" ތަރުޖަމާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން، ޤާނޫނުއަސާސީގެ އިންތަކާއި ޙުދޫދުގެ ތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރުވައި ފޯރުކޮށްދިނުން ކަމުގައިވެސް ތަރުޖަމާނު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް