ޔޫއޭއީ އަދި ތައިލެންޑުގައި އާސަންދަ ފަށައިފި – ފުރަތަމަ އިސްކަންދެނީ ކިޑްނީ ޓްރާންސްޕްލާންޓޭޝަނަށާ އިންޑިއާ ލަންކާއިން ކުރިއެރުން ނުލިބޭ ފަރާތްތަކަށް

އެކުވެރި އަރަބި އިމރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް) އާއި ތައިލެންޑަށް އާސަންދައިގެ ދަށުން މިއަދުން ފެށިގެން ރިފަރ ކުރަން ފަށައިފިއެވެ. އާސަންދައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ތައިލ...

15 Jan 2025 | 07:08

އެކުވެރި އަރަބި އިމރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް) އާއި ތައިލެންޑަށް އާސަންދައިގެ ދަށުން މިއަދުން ފެށިގެން ރިފަރ ކުރަން ފަށައިފިއެވެ.

އާސަންދައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ތައިލެންޑް އަދި ޔުނައިޓަޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން އާސަންދައިގެ ދަށުން ޚިދުމަތް ދިނުމަށް އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކުން މިއަދުން ފެށިގެން އާސަންދަ ސްކީމްގެ ޚިދުމަތް ދޭގޮތަށް ވަނީ ހުޅުވާލެވިފައި ކަމަށެވެ.

"މި ހޮސްޕިޓަލްތަކަށް ޚިދުމަތް ދިނުމަށް ފޮނުވާނީ ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015/R-19) ގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުން މިހާރުވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ދިނުމަށް ޢަމަލުކުރާ ނިޒާމުގެ ތެރެއިން" އާސަންދައިން ބުނެފައިވެއެވެ.

އެގޮތުން އާސަންދަ ކުންފުނިން މިއަދު ބުނެފައިވަނީ ތައިލޭންޑް އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ އާސަންދަ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ބަލިމީހުން ރިފަރ ކުރުން ފެށިގެންދާއިރު، ފުރަތަމަ އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލިމީހުންގެ ތެރެއިން "ފަސްޓް ޑިގްރީ ޑޯނަރ"އެއް (ޢާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް) ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް ކަމަށެވެ. އެއީ، މިހާތަނަށް އާސަންދައަށް އެމްޕެނަލް ކުރެވިފައިވާ ގައުމުތަކުގެ އުޞޫލުތައް ކަނޑައެޅިފައިވާ ގޮތުން، ކިޑްނީ ޑޯނަރަކީ "ފަސްޓް ޑިގްރީ ޑޯނަރ" އަކަށްވުން އެ ޤައުމުތަކުގެ ޤާނޫނާ ގަވާއިދުތަކުން ލާޒިމުވާތީވެ، ފަރުވާ ކުރިއަށް ގެންދެވިފައިނުވާ ފަރާތްތައް ކަމަށާއި  އާސަންދަ ސްކީމަށް އިތުރުކުރެވިގެންމިދާ އެމްޕެނަލްމަންޓާއެކު މިފަދަ ހާލަތުގައިވާ ފަރާތްތަކަށް ކިޑްނީ ޓްރާންސްޕްލާންޓްކުރުމުގެ މަގުފަހިވެގެންދާނެކަމުގައި އާސަންދައިން ބުނެފައިވެއެވެ.

"ދެވަނަ ބަޔަކީ، ރާއްޖެ، އިންޑިޔާ ނުވަތަ ސްރީލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާދެވުނު ނަމަވެސް އެފަރާތެއްގެ ބަލި ޙާލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތައް، އެފަދަ ފަރާތްތަކަށް ކަމާބެހޭ ޑޮކްޓަރުންގެ ޓީމްގެ ފަންނީ ލަފައާއެކު ބަލިމީހާ ރިފަރ ކުރާނެ މަރުކަޒު މި ކުންފުނިން ކަނޑައަޅާ އެފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާއަށް އެހީ ފޯރުކޮށްދެވޭނެ" އާސަންދައިން ބުނެފައިވެއެވެ.

މިއަދު ޔޫއޭއީ އަދި ތައިލެންޑަށް އާސަންދަ ސްކީމުގެ ޚިދުމަތް ފުޅާވެގެންދާއިރު މި ދެންނެވި ދެ ބަޔަށް އިސްކަންދިނުމާއެކު، ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ބައިތަކަށް ޚިދުމަތް ފުޅާކުރާނެކަމުގައިވެސް އާސަންދައިން ބުނެފައިވެއެވެ.

އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށްއެދި ހުށަހަޅާނީ މިހާރުވެސް ޚިދުމަތަށްއެދޭ ގޮތަށް ކަމަށާއި އެގޮތުން އާސަންދަ މޯބައިލް އެޕުންނާއި މައި އާސަންދަ ޕޯޓަލުން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި އަދި ހޮސްޕިޓަލުތަކުގައި ގާއިމުކުރެވިފައިވާ ވިރަ ކައުންޓަރުތަކަށާއި އާސަންދަ ފްރަންޓް އޮފީހުގެ ކައުންޓަރަށްވެސް އެޕްލިކޭޝަން ހުށަހެޅޭނެކަމުގައިވެސް އާސަންދައިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް