މިއޮށް ހުރިހާ ދުވަހު ލައިސަމް ވަގަށް ނަގައިގެން އުޅުނު ޅެން ފޮތް އަހަންނަށް އަނބުރާ ދިނެވެ. އަހަންނަށް އެ ފޮތް އެ ދިނީ ކޮން ހިތެއް ޖެހިގެން ކަމެއް ނޭނގެއެވެ. ކޮޓަރިއަށް ވަދެ ޅެން ފޮތް ހުޅުވާލާ ބަލާލީމެވެ. މުޅި ފޮތުގެ އެކި އެކި ސަފުހާތަކުގައި ހުރީ ރީތި ކުރެހުން ތަކެއް ކުރަހާފައެވެ. ލައިސަމްއަކީ އެހާ މޮޅަށް ކުރަހާ މީހެއް ކަމެއް އަހަންނަކަށް ކުރިއަކުން ނޭނގެއެވެ. މަޑު މަޑުން އެ ކުރެހުންތައް ބަލަމުން އައިސް އަހަންނަށް ހައިރާން ކަމެއް ލިބުނީ އަހަރެންގެ ސޫރަ ކުރަހާފައި އިން މަންޒަރު ފެނުމުންނެވެ. އެއީ ކުރަހާފައި އިން ސޫރައެއް ހެން ހީވެސް ނުވެއެވެ. ހީވަނީ ޕްރިންޓްކޮށްފައިވާހެނެވެ. އެހާވެސް ރީއްޗެވެ. ފަންސޫރުން ފަނޑުފަނޑުކޮށް ކުރަހާފައި އިން އެ ތަސްވީރު އަހަންނަށް ވަރަށް ކަމުދިޔައެވެ. އިރުގަނޑެއްގައި އެ ތަސްވީރަށް ބަލަން އިނދެ ސަފުހާ އެއްލާލި ވަގުތު ފެނުނީ ލައިސަމް ލިޔެފައިވާ ނޯޓު ކޮޅެކެވެ. އަހަރެން ހަމަޖެހިލައި ޝައުގުވެރިކަމާއި އެކު އެ ނޯޓު ކޮޅު ކިޔާލުމަށް އެނދުގައި އިށީނީމެވެ.
"އަހަންނަކީ ޒާރާހާ މޮޅު ޅެން ވެރިއެއް ނޫން.. ލިޔުންތެރިއެއްވެސް ނޫން... ޖާދޫގަރެއް ވެސް ނޫން... މީގެކުރިން އަހަންނަށް ޒާރާ އެނގުނީ ލިޔުންތެރިއެއް ގޮތަށް... ދެން ވަރަށް ފޮނިވެސް މީހެއް ގޮތަށް... އެކަމް ޒާރާ ހެދި ޖާދުލުގަ އަހަރެން ޖައްސާ، އަހަރެންގެ ނަޒަރު މުޅިން ބަދަލުކޮށްލީ ހިނދުކޮޅެއްގެ ތެރޭގަ... އަހަންނަށް ކަމުނުދިޔަ ހުރިހާ ސިފަ ތަކެއް ވަރަށް ކަމުދާން ފަށައިފި.. ދުވާލަކަސް ރޭގަނޑަކަސްވެސް އަބަދުވެސް ސިކުނޑީގައި އެނބުރެނީ ޒާރާ..ޒާރާއަށް ނަފްރަތު ކުރުމަށް ސިކުނޑިއަށް ވިސްނާދޭން މަސައްކަތް ކޮށް ކޮށް ވެސް އަހަންނަށް ޒާރާއަށް ނަފްރަތު ކުރާކަށް ނޭނގުނު... މިއަށް ޒާރާމެންގެ ޅެން ބަހުރަވައިން ކިޔާ އެއްޗެއް އަހަންނަކަށް ނޭގެ... އަހަރެމެން ބަހުރަވައިން މިއަށް ކިޔަނީ ލޯބި ކަންނޭނގެ... ވަޓް ޑޫ ޔޫ ސޭ؟"
އަހަރެން ވީ އުފަލަކުން އެނދުމަތިން ފުންމައިގެން ތެދުވީމެވެ. ﷲ އަށް ޝުކުރު އަދާ ކުރެވުނު އަދަދެއްވެސް ނޭނގެއެވެ. އުފަލުން ގޮސް އުޅެފަ ނޫޅޭނެ ގޮތްވެސް އަހަންނަކަށް ނޭނގުނެވެ. އަހަންނަށް އަހަރެންގެ ހިތް އެންމެ ބޭނުން ވި ކަންތައް ހާސިލްވިއެވެ.
އަހަރެންގެ ހަޔާތުގެ އާ ހަރުފަތަކަށް ދެވި ލޯބީގެ ގުލްޝަނުގައިވާ މާތަށް ބަބުޅަން ފެށިއެވެ.
އެރޭ އުޅެ އުޅެ ވެސް އަހަންނަކަށް ނުނިދުނެވެ. އުފަލުން ގޮސް އެކަނި އޮވެ ވެސް ހެވެން ވެސް ހެވެއެވެ. ލޯ މަރާލިޔަސް ފެންނަނީ އަހަންނާއި ލައިސަމްއާއި އިނދެގެން އުފަލުގައި އުޅޭ ތަނެވެ. އަހަރެންގެ ސިކުނޑި އުޅެމުން ދިޔައީ އަހަރެންގެ ލޯބީގެ ހަޔާތް ބައްޓަން ކުރާނެ ގޮތަކާއި މެދު ވިސްނުމުގައެވެ.12:30 އިރުވެސް ލޮލަށް ނިންޖެއް ނައެވެ. މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލާ ބޭރު ބަލާލި އިރު ގޭތެރޭގައިވެސް ހިލަމެއްވެސް ނެތެވެ. މުޅި ރަށް އޮތީ ނިދާފައެވެ. އަހަރެމެން ރަށު މީހުންނަކީ އިޝާ ނަމާދަށް ފަހު ބޭރު ތެރޭގައި އުޅޭ ބައެއް ނޫނެވެ.
އަހަންނަށް ނުނިދިގެން އުޅޭއިރު، އެ ނޯޓަށް އަހަރެން ހިޔާލު ހުރި ގޮތެއް ނޭނގިގެން ލައިސަމްވެސް އުޅޭނީ ހަމަ މި ހާލުގައި ބާއެވެ. އަހަރެންގެ ސިކުނޑި އެވަގުތު އެކަން ކަށަވަރު ކުރުމަށް މަޖުބޫރު ކުރުވިއެވެ. ހައްޖައްތަ ބުނި ގޮތުގައި ލައިސަމް އުޅެނީ ބޭރު ފަރާތަށް ހުންނަ ކޮޓަރީގައެވެ. އަހަރެން އެގޭ ތެރެއަށް ވަދެގެން ދިޔަ އިރު މުޅި ސަރަހައްދުގައިވެސް އަލިކަމެއް ފެންނާކަށް ނެތެވެ. ލައިސަމްގެ ކޮޓަރި ކުޑަދޮރުގައި މަޑު މަޑުން ޖަހަމުން ދިޔައީމެވެ. ދެތިން ފަހަރަކު ޖެހި އިރަށް އެ ކޮޓަރީގެ ލައިޓު ދިއްލިކަން ކުޑަދޮރުން އެނގެއެވެ. އަހަރެން އަނެއްކާވެސް ކުޑަދޮރުގައި ޖެހީމެވެ. ފޮތިގަނޑު ކަހާލާފައި ލައިސަމް ބޭރު ބަލާލި އިރު އަހަރެން ހުރިތަން ފެނުމުން ލައިސަމްގެ ދެލޯ ބޮޑުވިއެވެ. ކުޑަދޮރު ހުޅުވުމަށް ފަހު ކޮޓަރި ތެރެއަށް ދެފަރާތަށް ބަލާލާފައި ލައިސަމް ކުޑަދޮރުން ނިކުމެ ކުޑަދޮރު ކައިރިކޮށްލިއެވެ. އަހަރެންގެ އަތުގައި ހިފާފައި އެގޭ ބަދިގެ ފަރާތަށް ގެންދިޔައެވެ.
"ކީއްކުރަން ތިއައީ؟" ވައި އަޑުން ލައިސަމް ބުންޏެވެ.
"ނުނިދިގެން" އަހަރެން ވެސް ވައިއަޑުން ޖަވާބު ދިނީމެވެ.
ލައިސަމް ބޮލުގައި އަތް އެޅިއެވެ. އަހަރެން ހީކުރީ ލައިސަމް އަހަރެން ފެނުނީމަ ވާނީ އުފާ ކަމަށެވެ.
"އުނދަގުވަންޏާ ދަނީމި...." އަހަރެން އެހެން ބުނުމަށް ފަހު ހިނގައިގަތުމަށް މަސައްކަތް ކުރީމެވެ.
ލައިސަމް އަހަރެންގެ އަތުގައި ހިފާ އަހަރެން ލައިސަމްގެ މެއާ ކާރިކޮށްލާ ބައްދާލިއެވެ. އަހަރެންވެސް ލައިސަމް ގައިގައި ބައްދާލީމެވެ.
"އައި ލަވް ޔޫ" އަހަރެން ބުނީމެވެ.
އަހަރެން އެހެން ބުނުމާއި އެކު ލައިސް އަހަރެން ދުރުކޮށްލާ އަހަންނާއި ދިމާއަށް ބަލާލިއެވެ.
"ޒާރާވެސް ވޭތަ؟" ލައިސަމް ހައިރާންވެ ހުރެ އަހާލިއެވެ. ފިރިހެނުން މީ ހާދަ މޮޔަ ބައެކޭ އެވަގުތު ހިތަށް އެރިއެވެ. އެއީ ފިރިހެނުންގެ މޮޔަކަން ކަމެއް ލައިސަމްގެ މޮޔަކަން ކަމެއް އަހަންނަކަށް ނޭނގެއެވެ. މިއޮށް ހާދުވަހު ލައިސަމް ފަހަތުން ނެއްޓެން ނޭގި އަހަރެން އުޅެ އުޅެފަ، އެންމެ ފަހުން މިރޭ ވެސް ހުރިހާ ކަމެއް ނުރައްކަލަކަށް ވައްޓާލާފައި ވަގަށް ފިލައިގެން މިތަނަށް އައީމަވެސް އެ އަހަނީ އެހެން ވިއްޔާއެވެ.
އަހަރެމެން ސިއްސައިގެން ދިޔައީ މަގުން ސައިކަލެއް ދިޔަ އަޑަށްށެވެ.
"މީހަކަށް ފެނިދާނެ.. ދަނީ" އަހަރެން ބުނީމެވެ.
އަހަރެން ލައިސަމްއަށް ހިތް ފުރެންދެން ބަލާލުމަށް ފަހު ގެއާ ދިމާއަށް ދިޔައީމެވެ.
ޖެހިގެން އައި ދުވަސް..
"ދީނާ މަޑުކޮށްބަ..." އަހަރެން ސުކޫލަށް ވަންނަމުން ގޮވާލީމެވެ.
އެއީ ސުކޫލަށް ކުދިންތައް ވަތް ވަގުތެވެ. އަހަރެން ގޭޓުން ވަތް އިރު ދީނާ ހުރީ އަހަންނާ ތަންކޮޅެއް ދުރުގައެވެ. އަހަރެން ދުވެލާފައި ދިޔައީމެވެ. އޭރު އަހަރެމެންގެ ކުލާސް ދޮރުމަތީގައި ލައިސަމް މެންގެ ގުރުޕް ތިބި ތަން އަހަންނަށް ފެނެއެވެ.
"އެބައިން ވާހަކައެއް ބުނަން ވެފަ.." ދީނާ ބުންޏެވެ.
"ކޮން ވާހަކައެއް.. ބުނެބަލަ" އަހަރެން ބުނީމެވެ.
"ފަހުން... އިންޓަވަލް ގަޑީގަ ބުނާނަން" އަހަންނާ ދީނާ އާއި ގޮސް ކުލާހަށް ވަތް އިރު ލައިސަމް ހުރީ އަހަންނާ ދިމާއަށް ބަލާށެވެ. އަހަރެން ލައިސަމް އަށް ބަލާލާއިރަށް ލައިސަމް އެހެން ދިމާއަކަށް ބަލާލައެވެ. އަންހެން ކުއްޖަކު ނުގަންނަ ވަރަށް ލައިސަމް ލަދު ގަނެއެވެ.
އެދުވަހު އިންޓަވަލް ގަޑީގައި އަހަރެމެން ކުލާސް ކުދިން ސުކޫލުގައި މަޑުކުރީ ގުރުޕް މަސައްކަތެއް ކުރަން ޖެހޭތީއެވެ. އެންމެން ވެސް އަވަހަށް ޕެކެޓެއް ބޯލައިގެން މަސައްކަތް ފަށާގޮތަށް އޮތީ ވާހަކަ ދައްކާފައެވެ. އަހަންނާ ދީނާ ގަސްދޮށަށް ނިކުތީ ދީނާ އެބުނާ ވާހަކައެއް ދައްކާށެވެ.
"ހޫން..ކިޔާބަލަ " އަހަރެން ދީނާ ގާތު ބުނީމެވެ.
"އަނެއްހެން މާ ބޮޑު ވާހަކައެއް ނޫން..އެ..އަޅާނުލާ" ދީނާ ބުންޏެވެ.
"ބުނެބަލަ ކިހިނެއް ވީތަ؟"
"އަހަރެން...އަހަންނަށް ހީވަނީ ވިޝާމް.. ވިޝާމް ހުންނަނީ އަހަންނާ ހިތާވެފަ ހެން"
"ވިޝާމްތަ؟ ހައްހާ...ކިހިނެއްވީ" އަހަންނަށް ހެވުނެވެ.
"ޒާރާ! ސީރިއަސް އޭ... އޭނަ ވަރަށް ބަލާނެ އަހަންނަށް... އަހަރެންވެސް ލައިކްވޭ ކަންނޭގެ.."ދީނާ ބުންޏެވެ.
އަހަރެން ހީކުރީ ދީނާ އަހަންނާ ސަމާސާއެއް ކުރަނީ ކަމަށެވެ.
ދީނާ ވިޝާމްއާ ލައިކްވާ ވާހަކަ ބުނުމުން އަހަންނެއް ހައިރާނެއް ނުވެއެވެ. އަބަދުވެސް ދައްކާނީ ވިޝާމްގެ ވާހަކައެއް ވިއްޔާއެވެ.
އެދުވަހު ސުކޫލު ނިންމާފައި އަހަރެން ޖޯލީގައި އިންދާ ލައިސަމް އައެވެ.
"ޒިޔަން ކޮބާ؟" ލައިސަމް އަހަންނާ ސުވާލު ކުރިއެވެ.
"ގޭގަ"
ލައިސަމް އައިސް އަހަންނާ އެއް ޖޯލި ދޫކޮށް އަހަރެންގެ ކައިރީގައި އިށީދެލިއެވެ.
އިރުކޮޅެއްގައި ވާހަކައިގައި ތިބެލާފައި ދީނާގެ ވާހަކަ އަހަރެން ލައިސަމް އަށް ކިޔާ ދިނީމެވެ.
"ވިއްޓެ؟ ދީނާއަށް؟ ހާދަ ހީނުވެޔޭ... އޭނަ ނުބުނޭ އެކަހަލަ ވާހަކައެއް... "ލައިސަމް ބުންޏެވެ.
"ދެން ބަލާދީބަ ... ދުރުދުރުން ވިޔަސް އަހާލަބަ... ވަރަށް ރަގަނޅު ކުއްޖެކޭ ދީނާ އަކީ... އޭނަ ވަރަށް ލޯބިވޭ ކަންނޭގެ...އޭރުން ކިހާ ސަޅި ވާނެ.. އަހަރެން ބެސްޓު ފްރެންޑާ ލައިސަމްގެ ބެސްފްރެންޑާ" އަހަރެން ހެމުން ބުނެލީމެވެ.
"ތި އައީ ދޯ ... އާދެ އެތެރެއަށް" ޒިޔަން ލައިސަމްއަށް ގޮވިއެވެ.
ޒިޔަންއަށް ވެސް ލައިސަމްއަށް ގޮވަން އެނގުނީ އެވަގުތަށް ވިއްޔާއެވެ.
އަހަރެމެންގެ ލޯބީގެ ހަޔާތް ފެށުނު ފަހުން ދެ މަސް ވޭތުވެގެން ދިޔައެވެ. ކޮންމެ ދުވަހަކުހެން ދެމީހުން ބައްދަލުކޮށް އެކީ ވަގުތުތަކެއް ހޭދަކުރަމެވެ. ދުވަހަކުވެސް ހިތަށް ނުވާވަރަށް އުފާވެރިކަން އިހުސާސްވަމުން ދިޔައެވެ. ލައިސަމް އަހަނަނަށް ވަރަށް ރަގަނޅެވެ. އަހަރެން ދެކެ ވަރަށް ލޯބިވެއެވެ. އެހެން ނަމަވެސް އެވާހަކަ ސިއްރު ކުރުމަށް އަބަދުވެސް ލައިސަމް ދިޔައީ އަހަރެން ގާތު އެދެމުންނެވެ.
ޖީސީ އޯލެވެލް ޓެސްޓު އައިސް ބޯމަތިވިއެވެ. ލައިސަމް ބޭނުންވީ އެދުވަސްކޮޅު އަހަންނާ ތަންކޮޅެއް ދުރުން އުޅޭށެވެ. އެއީ ކިޔެވުމަށް އިސްކަން ދޭން ކަމަށް ލައިސަމް ބުންޏެވެ. އަހަރެން ލައިސަމްގެ އެ ނިންމުމަށް އިހުތިރާމް ކުރީމެވެ. އެހެން ނަމަވެސް އެކަން އަހަންނަށް ވީ މާކަ ފަސޭހަ ކަމަކަށް ނޫނެވެ.
ޖީސީގެ އެންމެ ފަހު ޓެސްޓު ނިންމާ އެކި ކުދިން އެކި ތަނަށް މަތީ ތައުލީމު ހޯދުމަށް ފުރަން ފެށިއެވެ. އަހަރެން އުންމީދު ކޮށްގެން ހުރީ އެރޭ ލައިސަމްއާ ބައްދަލުކުރާށެވެ. ޒިޔަން ފުރާ ދުވަސްކަމުން ގޭގަ އަހަންނަށްވެސް އުޅެން ޖެހުނީ ވަރަށް ބުރަކޮށެވެ. މަންމައާއި އެކު މަސައްކަތްތައްކޮށް އަވަދިވެވުނީ އިރުއޮއްސުނު ފަހުންނެވެ.ވަރުބަލިވެފައި ހުރި ވަރުން ފެންވަރާލައިގެން ޖައްސާލިތަނާ ނިދުނީއެވެ.
ކުއްލިއަކަށް ހޭލެވުނީ މަންމަ ދޮރުގައި ޓަކި ޖަހާ ވަރުންނެވެ.
ދެލޯ ކަހަމުން ތެދުވެ ދޮރު ހުޅުވީމެވެ.
"ދޭބަ ރަތް ގަރުދިޔަ ފޮދެއް ހިފައިން އަންނަން ހައްޖައްތަމެންގެ ގެއިން" މަންމަ ބޯތައްޓެއް ދިއްކޮށްލަމުން ބުންޏެވެ.
އަހަރެން ބުރުގާ އެޅުމަށް ފަހު އެގެއަށް ދިޔައީމެވެ. އަހަރެން ހުރީ އެގެއަށް ދިޔުމަށް ފުރުސަތެއް ލިބުމުން ވަރަށް އުފަލުންނެވެ.
"ހައްޖައްތާ... ގަރުދިޔަ ފޮދެއް ބަލާ މިއައީ"
އޭރު ހައްޖައްތަމެން ތިބީ ކާށެވެ.
"މިއޮތި ބަތްވެސް ގިނަ ވެފަ މިއަދު.. ދެމީހުން އެކަނި ވިއްޔަ މިހާރުދެން" ހައްޖައްތަ ބުންޏެވެ.
"ކޮބާމިގޭ ކުދިން" އަހަރެން ސުވާލުކޮށްލީމެވެ.
"އެކުދިން މާލެ ދާން ފުރައިފި މިއަދު... ދައްތަ ކައިރީގަ ނުވެސް ބުނޭ... ހަވީރު އައިސް ބުނީ ފުރަނީއޭ... އަހުމަދު ދިޔައީ ލައިސަމް މާލެއާ ހަމައަށް ލާން ވެގެން ޑރ އަށް ދައްކާލާށާ އެކީގަ" ހައްޖައްތަ ބުންޏެވެ.
"ލައިސަމް ދިޔައީތަ؟ ޑރ އަށް ދައްކަންތަ އެދިޔައީ...ކިހިނެއްވީ...ބަލިވީތަ؟...ނުވެސް އިނގޭ " އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ.
ލައިސަމް އަހަންނަށް ނުވެސް އަންގާ ފުރީ ކީއްވެ ބާއެވެ. އަނެއްކާ އަހަރެން ދެކެ ކަމަކާ ހިތްހަމަ ޖެހިގެން ބާއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 20 ޖެނުއަރީ، ހޯމަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް