ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ އެންމެ ހަގު އުމުރެއް ކަނޑައަޅަން އިންޑޮނޭޝިޔާއިންވެސް ތައްޔާރުވެއްޖެއެވެ.
އިންޑޮނޭޝިޔާއިން މިފަދަ ކަމަކަށް ތައްޔާރުވެފައިމިވަނީ ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ އެންމެ ހަގު އުމުރަކީ 16 އަހަރުކަމަށް އޮސްޓްރޭލިޔާއިން ކަނޑައަޅާފައިވާ ދަނޑިވަޅެއްގައެވެ.
އިންޑޮނޭޝިޔާގެ ކޮމިޔުނިކޭޝަންސް މިނިސްޓަރު މުތިޔާ ހާފިދު އިއްޔެ ހާމަކޮށްފައިވާގޮތުގައި އެފަދަ ޕްރޮޕޯޒަލެއް އެ ގައުމުގެ ރައީސް ޕްރަބޯވީ ސުބިއަންތާއަށް އިއްޔެ އަރުވާފައިވާނެއެވެ. އަދި އެކަމަށް ރައީސް ފެހި ސިގްނަލް ދެއްވާފައިވާކަން މުތިޔާ ހާފިދު ހާމަކުރައްވާފައިވެއެވެ.
ނަމަވެސް ކަނޑައަޅާނެ އެންމެ ހަގު އުމުރަކީ ކޮބައިކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
280 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިޔާގައި އުމުރުން 12 އަހަރުން ދަށުގެ އާބާދީގެ 48 އިންސައްތަ ކުދިން ސޯޝަލް މީޑިއާ އެކައުންޓްތައް ބޭނުންކުރާކަން މިދިޔަ އަހަރު ހެދި ދިރާސާއަކުން ދައްކާފައިވެއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އޮސްޓްރޭލިއާއިން ފާސްކުރި ޤާނޫނެއްގައި ނިންމާފައިވަނީ އަހަރެއްގެ މުއްދަތުގެ ތެރޭގައި، 16 އަހަރުން ދަށުގެ އެ ޤައުމަށް ނިސްބަތްވާ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުން ނުކުރެވޭނެ އިންތިޒާމެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ޤާއިމުކުރުމަށް ލާޒިމު ކުރުމަށެވެ. އެކަން އެ ކުންފުނިތަކަށް ނުކުރެވޭނަމަ 50 މިލިޔަން ޑޮލަރާއި ހަމައަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ޖޫރިމަނާކުރުމުގެ ބާރު އޮސްޓްރޭލިޔާއަށް އެ ޤާނޫނުން ލިބިދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް