ބޭރު ދުނިޔޭގެ ޚަބަރުތަކަށް ނަޒަރު ހިންގާލާއިރު މުސްލިމް އުންމަތަށް އަދި ދިވެހީންނަށްވެސް އެންމެ އުފާވެރި ޚަބަރަކަށް ވެގެންދަނީ އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކާއި ގާތަށް ގޮސްފައިވާކަމުގެ ހަބަރެވެ.
މި އެއްބަސްވުމުގެ އިސް މެދުވެރިއެއްގެ ރޯލު ކުޅެމުން އަންނަނީ ޤަތަރުންނެވެ. ވާގިވެރިވަނީ މިސްރާއި އެމެރިކާއިންނެވެ.
ޤަތަރުގެ ދޯހާގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް-އަންސާރީވެސް ތަކުރާރު ކުރެއްވީ އެއް ވާހަކައެކެވެ.
އޭނާ ވިދާޅުވީ އެއްބަސްވުމަކަށް ދެވުމާ ކިތަންމެ ގާތުގައި ކަންކަން އޮތް ނަމަވެސް އެއްބަސްވުމަކަށް ދެވުނުކަން ރަސްމީކޮށް އިޢުލާނު ނުކުރެވޭހާ ހިނދަކު އުފަލެއް ނެތް ކަމަށެވެ.
އެއްބަސްވުމުގެ ފައިނަލް ޑްރާފްޓް ހަމާސް އަދި އިސްރާއީލާ ހިއްސާކޮށްފައިވާއިރު މިފަދަ އެއްބަސްވުމެއް ގެނެވޭތޯ ޤަތަރުން އިސްވެ އޮވެ މަސައްކަތް ކުރަމުން އަންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު ދެބަސްވުންތައް އެންމެ ބޮޑަށް ނައްތާލެވި ފައިނަލް ޑްރާފްޓަކާ ހަމައަށް ދެވުނު މިއީ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
އެއްބަސްވުމުގެ ޚުލާޞާ
ޑްރާފްޓް އެއްބަސްވުމަށް ކުރުކޮށް ބަލައިލާއިރު ތިން މަރުޙަލާއަކަށް ބަހާލާފައިވާ އެ އެއްބަސްވުމުގައި ފުރަތަމަ މަރުޙަލާއަކީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ބަދަލުގައި އިސްރޭލުގެ ޖަލުތަކުގައި ތިބި ފަލަޞްޠީނަށް ނިސްބަތްވާ ހައްޔަރީންގެ ތެރެއިން ކޮންމެ އަސީރެއްގެ ބޮލަކަށް ވަކި އަދަދަކަށް ހައްޔަރީން މިނިވަން ކުރުމުގެ މަރުޙަލާއެވެ.
ދެވަނަ މަރުޙަލާއަކީ ޣައްޒާގައި ދިގުމުއްދަތަކަށް ވެވޭ އެއްބަސްވުންތަކާއި ބާކީ ތިބި ހައްޔަރީން ދޫކުރުމާއި އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ މަރުޙަލާއެވެ. އަދި ތިންވަނަ މަރުޙަލާއަކީ ޣައްޒާ އަލުން އާރާސްތުކުރުމަށް ފުރުސަތު ފަހިކޮށްދެވޭ މަރުޙަލާއެވެ.
ހަމަލާތައް ހުއްޓާލައި ފުރަތަމަ މަރުޙަލާއާއި ހަމައިން އިސްރާއީލުގެ ސިފައިން ޣައްޒާގެ ބިންތައް ދޫކޮށް ފައިބާނެކަމުގައި އެއްބަސްވުމުގެ ޑްރާފްޓްގައި ފާހަގަކޮށްފައިވާކަމަށް ބުނެއެވެ.
15 މަހަށްވުރެ ދިގުދެމިގެންގޮސްފައިވާ ހަމަލާތަކުގައި ޣައްޒާއިން 46 ހާހަށްވުރެ ގިނަ ފުރާނަ ގެއްލިފައިވާއިރު ޒަޚަމްވި އަދަދު އުޅެނީ ލައްކައިން މަތީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް