އަތޮޅުތެރެއަށް ހާއްސަކޮށްގެން ނޫސްވެރިކަމާއި, ކޮމިއުނިކޭޝަންސް ތަމްރީން ޕްރޮގްރާމެއް ރެޒޫމޯ އިން ހިންގަނީ

އަތޮޅުތެރެއަށް ހާއްސަކޮށްގެން ނޫސްވެރިކަމާއި, ކޮމިއުނިކޭޝަން ތަމްރީން ޕްރޮގްރާމެއް މި އަހަރު ހިންގަން ރެޒޫމޯ މޯލްޑިވްސް އިން ނިންމައިފި އެވެ. މިއީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލީޓީ (ސީއެސ...

15 Jan 2024 | 11:19

އަތޮޅުތެރެއަށް ހާއްސަކޮށްގެން ނޫސްވެރިކަމާއި, ކޮމިއުނިކޭޝަން ތަމްރީން ޕްރޮގްރާމެއް މި އަހަރު ހިންގަން ރެޒޫމޯ މޯލްޑިވްސް އިން ނިންމައިފި އެވެ.

މިއީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލީޓީ (ސީއެސްއާރު) ގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.

ރެޒޫމޯ އިން ބުނި ގޮތުގައި މި ޕްރޮގްރާމް އަމާޒުކުރަނީ ދަރިވަރުންނާއި, ވަޒީފާގެ މާހައުލަށް ނުކުންނަން ތައްޔާރުވަމުން އަންނަ ޒުވާނުންނާއި, ދާއިރާއަށް ޝައުގުވެރިވާ އާއްމުންނަށް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ނޫސްވެރިކަމަށް ޝައުގުވެރިކަން އިތުތުކުރުމާއި, ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ނޫސްވެރިކަން ކުރަން ދަސްކޮށްދިނުމާއި, ޒިންމާދާރު, ހުނަރުވެރި ނޫސްވެރިންތަކެއް ބިނާކުރުން," އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.

"މީގެ އިތުރުން ކޮމިއުނިކޭޝަންސް އަކީ ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައި ވެސް ބޭނުން ހިފޭނެ އަސާސީ ހުނަރަކަށް ވާތީވެ, އެކަން ތަރައްގީކުރުމަކީ ވެސް މި ޕްރޮގްރާމުގެ ބޭނުމެއް. ވާހަކަ ދެއްކުމުގެ ހުނަރާއި, މުއާމަލާތްކުރުމުގެ ހުނަރުތައް ދަސްކޮށްދެވޭނެ."

މި ޕްރޮގްރާމްތަކުގައި ކިޔަވައިދެއްވާނީ ނޫސްވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލްކުރައްވާފައިވާ މުހައްމަދު ހަމްދޫނާއި, ކުރިން ޓީވީ މޯލްޑިވްސް އާއި ސަންއޮންލައިންގައި މަސައްކަތްކޮށްފައިވާ ނޫސްވެރިޔާ މުހައްމަދު ނާސިހު, އަދި ކޮމިއުނިކޭޝަންސް އާއި ޕަބްލިކް ރިލޭޝަންސްގެ ތަޖުރިބާކާރެއް ކަމަށްވާ އިފާދު ވަހީދެވެ.

ރެޒޫމޯއާ ގުޅިގެން މިފަދަ ޕްރޮގްރާމެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން 7912444 އާ ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް އެ ކުންފުނިން އެދެ އެވެ.

މި ޕްރޮގްރާމްތަކުގެ އިތުރުން ރެޒޫމޯ އިން އަންނަނީ ރާއްޖޭގެ ބައެއް ކުންފުނިތަކަށް ކޯޕަރޭޓް ޓްރެއިނިން ނަގައިދެމުންނެވެ. އޭގެ ތެރޭގައި ކޮމިއުނިކޭޝަންސް, ޕަބްލިކް ރިލޭޝަންސް, ޕަބްލިކް ސްޕީކިން, ޕާސަނަލް ލީޑާޝިޕް ފަދަ ޕްރޮގްރާމަތައް ހިމެނެ އެވެ.

ރެޒޫމޯ އިން ވަނީ މިދިޔަ އަހަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ކާމިޔާބު ޕްރޮގްރާމްތަކެއް ހިންގައިފަ އެވެ. އެގޮތުން އެ ކުންފުނިން ވަނީ އަމިއްލަ ނަފުސުގެ ގާބިލްކަން އުތުރުކޮށް, ކާމިޔާބު މީހަކަށް ވުމާށްޓަކައި ގެންގުޅެން ޖެހޭ ވިސްނުން ތަރައްގީކުރާނެ ގޮތާ ބެހޭ ގޮތުން އަފީފް ހުސެއިންގެ އެއް ދުވަހުގެ އިވެންޓެއް ބާއްވައިފަ އެވެ. މީގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކީނޯޓަރު ސްޕީކާ އަފީފްއާ ގުޅިގެން 'ވޯލްޑް ކްލާސް ސާވިސް އެންޑް މައިންޑްސެޓް" އިވެންޓެއް ވެސް ބޭއްވި އެވެ. މި އިވެންޓްތަކަށް 200 އެއްހާ ޕްރޮފެޝަނަލްސް ބައިވެރިވި އެވެ,

ރެޒޫމޯ އިން ވަނީ މިދިޔަ އަހަރު ނޫސްވެރިންގެ ޖަމިއްޔާ އިން ކުޅުދުއްފުށީ ސިޓީގައި ބޭއްވި ނޫސްވެރިކަމުގެ ކޯހެއް ފެސިލިޓޭޓްކޮށްދީފަ އެވެ. އަދި މީޑިއާ ކައުންސިލުން ބޭއްވި ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމުގެ ޓްރެއިނިންތައް ވެސް ނަގައިދިނެވެ.

ރެޒޫމޯ އިން ބުނީ މި އަހަރަށް ވެސް  ވަރަށް ގިނަ ޕްރޮގްރާމްތައް ރޭވިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް